މިއަހަރުގެ މައިގަނޑު އަމާޒަކަށްވީ ވައިގެ މަގުން އުދުހުމުގެ ހުރިހާ ޙަރަކާތްތަކަށް ދިރުން ގެނުވައި 2019 ވަނަ އަހަރުގެ ޙާލަތާ އެއް ހަމަކޮށް އިތުރު ކުރިއެރުން ހޯދުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އެކަމަނާ ވިދާޅުވީ ފޮރިން އޮޕަރޭޓަރސްގެ ނަމުގައި ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި އަހަރު ފެށިގެން ދިޔައީ ޢާލަމީ ޕެންޑެމިކުގެ އަސަރުތަކުން އަރައިގަނެ މަދަނީ ވައިގެ ދަތުރު ފަތުރުގެ ހަރަކާތްތަކުގެ ދުވެލި ހަލުވި ކުރުމުގެ ޙަރަކާތްތަކާއެކުގައި ކަމަށާއި އެގޮތުން، ސިއްހީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއެކު އުދުހުމުގެ ހަރަކާތްތައް "ނިއު ނޯމަލް" މާހައުލުގައި ކުރިއަށް ގެންދެވުނު ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިއަހަރުގެ މައިގަނޑު އަމާޒަކީ ކޯވިޑް-19 ގެ ކުރީގެ ޙާލަތަށް ރުޖޫޢަވުން ކަމަށާއި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ފުޅާ ކުރުމަށާއި އިތުރަށް ތަރައްޤީ ކުރުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

" މިގޮތުން، ރާއްޖޭގެ އެއާލައިންތަކުގެ ޙަރަކާތްތައް އިތުރު ކުރުމާއި އެއާޕޯޓްތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުން ހިމެނޭ. އެގޮތުން އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ހުއްދަ މިހާރުވާނީ ރާއްޖޭގެ 3 އެއާލައިނަކަށް ދެވިފައި. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދިޔަ. އެގޮތުން، އޭޕްރަންއަށް މުޅީންއަލަށް ބައިތަކެއް އިތުރުކޮށް ބޭނުންކުރަން ފެށުމުގެ އިތުރުން، ކުރިން ބޭނުން ކުރަމުން އައި އޭޕްރަން އަޕްގްރޭޑް ކުރެވި މިހާރުވަނީ ބޭނުން ކުރަންފަށާފައި." މިނިސްޓަރ ނަހުލާ ވިދާޅުވި އެވެ.