ޗައިނާއިން ދީނީ އަގީދާ އިތުރަށް ކޮންޓްރޯލު ކުރުމަށް ޗައިނާ ރައީސް ޝީ ޖިންޕިންގ އިރުޝާދު ދެއްވައިފިއެވެ. މިދިޔަ ހަފްތާގައި ބާއްވާފައިވާ ދީނީ ކަންކަމާ ބެހޭ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝީ ވިދާޅުވީ ޗައިނާ މީހުން ގަބޫލުކުރާ ދީންތައް ޗައިނާ ވަންތަ ގޮތަކަށް ބައްޓަން ކުރަން ޖެހޭނެއެވެ.
އޭނާ ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި އޮންލައިން ކޮށް ދީނީ މައުލޫމާތު ފެތުރުން ކޮންޓްރޯލު ކުރުން ހިމެނެއެވެ. އަދި ދީނީ އަޅުކަމުގައި އިސްވެ އުޅޭ ފަރާތްތަކުން އެފަރާތުގެ ބެލުމުގެ ދަށުގައިވާ އެފަރާތުގެ ޖަމާއަތުގެ މީހުން އުޅޭނޫޅޭ ގޮތް ބަލައި މޮނީޓާކުރުމަށް ވެސް އަންގަވާފައި ވެއެވެ. އަދި ދީނީ ލީޑަރުންވެސް އެންމެ މުހިންމު ކަމެއްކަމުގައި ބަލަންވާނީ ކޮމިއުނިސްޓް ޕާޓީގެ އުސޫލުތަކަށް ތަބާވުން ކަމަށްވެސް ޝީ ވިދާޅުވިއެވެ. ދީނީ މަސައްކަތުގައި އުޅޭ އެއްވެސް ފަރާތަކުްނ ބޭރުގެ ފަރާތަކާ ގުޅުމެއް ނުބޭއްވުމަށާއި އެފަދަ ގުޅުން ބޭއްވުމަކީ ގައުމީ ސަލާމަތަށް އެއިން ނުރައްކާވާނެ ކަމެއްކަން އެނގެންވާނެ ކަމަށްވެސް ޝީ އިންޒާރު ކުރެއްވިއެވެ.
މިއީ ޝީ ޖިންޕިންގ ވެރިކަމަށް ވަޑައިގަތް ފަނުން ބާއްވާ ދީނީ ކަންކަމާ ދެކޮޅަށް ކޮމިއުނިސްޓް ޕާޓީން ހަރުކަށި ފިޔަވަޅު އެޅުމަށް ބާއްވާ މިފަދަ ދެވަނަ ބައްދަލުވުމެވެ.
ޝީ ގެ ވެރިކަމުގައި މުސްލިމުންނާ ދެކޮޅަށް ބޮޑެތި އަނިޔާވެރި ގޮތްތައް ގެންގުޅެން ފަށާފައި ވެއެވެ. އދއާއި ބައިނަލްއަގްވާމީ ފަރާތްތަކުން ބުނާ ގޮތުގައި ދޮޅު މިލިއަނެއް ހައި މުސްލިމުން ހައްޔަރުކޮށްފައި ވެއެވެ. ޗައިނާ ސަރުކާރުން ވަނީ މުސްލިމުންގެ ގަބުރުސްތާނާއި ޒިޔާރަތްތައްވެސް ތަޅައި ބިމާ ހަމަކޮށްފައެވެ.