ރާއްޖޭގައި މުއްދަތު ހަމަވެފައިވާ ވެކްސިނެއް ބޭނުން ކުރަމުން ނުދާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އަތޮޅު ތެރޭގައި ބޭނުން ކުރާ ފައިޒާ ވެކްސިން ފުޅީގައި ޖަހާފައިވާ މުއްދަތު ހަމަވާ ތާރީޚު ފަހަނަ އަޅާ ގޮސްފައިވާތީ އާންމުންގެ ފަރާތުން ޝަކުވާ ކުރަން ފެށުމުން ނެވެ.
ޑރ. ނަޒްލާ މިއަދު ވިދާޅުވީ ފުޅީގައި ޖަހާފައިވާ ތާރީޚު ފަހަނަ އަޅާ ގޮސްފައިވާ ފައިޒާ ވެކްސިންތަކަކީ ވެސް މިހާރު މުއްދަތު ހަމަނުވާ ވެކްސިން ކަމަށެވެ. އަދި އެ ވެކްސިންތަކަށް އިތުރު ތިން މަހުގެ މުއްދަތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އިތުރުކޮށްދީފައިވާ ކަމަށެވެ.
ރާއްޖޭގައި މިހާރު ބޭނުން ކުރަމުންދަނީ ފައިޒާ ވެކްސިންގެ އިތުރުން ސިނޮފާމް އާއި އެސްޓްރަޒެނިކާ ވެކްސިނެވެ.