ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމް ޖަލުން މިނިވަންވެ ވަޑައިގެންނެވުމަކީ އިންޑިއާ މިލިޓަރީ ރާއްޖެއިން ފޮނުވާލުމަށް ޢުމަރު ނަސީރު ކުރައްވަމުން ގެންދަވާ މަސައްކަތަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ ރައީސް ޔާމީން މިނިވަންވެ ވަޑައިގެންނެވުމުން އެ މަސައްކަތުގެ އިތުރުން މި ސަރުކާރަށް ވަރަށްބޮޑު ޕްރެޝަރަކަށްވެފައިވާ ކަމަށެވެ. އެކަން މިހާރުވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަކޮށް "އިންޑިއާ އައުޓު" ކެންޕޭނުގެ ސަބަބުން ސަރުކާރަށް ބާރުބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފާޅުގައި ކުރައްވަމުން ގެންދަވާ ސިޔާސީ ދެ ލީޑަރުންނަކީ އޭނާއާއި ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އަލުން މި މަސައްކަތުގެ ތެރެއަށް ވެންނެވުމަކީ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އިންޑިއާ އައުޓް ކެންޕޭން ރަށްރަށަށް ފުޅާކުރުމަށްޓަކައި ރައީސް ޔާމީން ރަށްރަށަށް ވަޑައިގެންނެވުމަށް މިހާރުވަނީ ހަމަޖެހިފައެވެ. އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވުމުގެ ދައުވަތު ލިބިވަޑައިގެންފިނަމަ ބައިވެރިވާނަންތޯ ދެންނެވުމުން ޢުމަރު ވިދާޅުވީ އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. "އެއީ އަޅުގަނޑަކީ ރިޔާސީ ކެންޑިޑޭޓެއް، ރައީސް ޔާމީނަކީ ވެސް ރިޔާސީ ކެންޑިޑޭޓެއް. އެކަން އެހެން އޮއްވައި ދެ މީހުންއެއްކޮށް މަސައްކަތް ކުރެއްވުމަށްފަހު އަނެއްކާ އިންތިޚާބުގައި ދެކޮޅަށް އަރައި ވާދަކުރެއްވުމަކީ އެންމެ އެކަށީގެންވާ ގޮތެއްނޫން. އަޅުގަނޑުމެންގެ ދެ މީހުންނަކީ ވެސް ތަފާތު ދެމީހުން. އެއްކަމެއްގައި ވިޔަސް މަސައްކަތް ކުރާނީ ވަކީން،" ޢުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ އިންޑިއާ ސިފައިން ރާއްޖެއިން ބާލާނޭކަން އެއީ ކަށަވަރު ކަމެއް ކަމަށެވެ.