ށ. ނޫމަރާ ފަރަށް އެރި ބޯޓު 61 މިލިޔަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

2019 ވަނަ އަހަރު ނޫމަރާ ފަރަށް މެރިން ޕަވަރ 2317 ނަމަކަށް ކިޔާ ބާޖު އެރުމާއި ގުޅިގެން ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށީ ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އެބާޖު ޖޫރިމަނާކުރުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވަނީ ނިންމާފަައެވެ. އީޕީއޭ އިން ނިންމާފައިވަނީ 61،681،316 (ފަސްދޮޅަސް އެއްމިލިއަން ހަލައްކަ އަށްޑިހަ އެއްހާސް ތިންސަތޭކަ ސޯޅަ) ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.

އީޕީއޭ އިން ބުނީ ސަރަހައްދަށް ފެތިފައި އޮތް ބާޖުގެ ބައިތައް އެސަރަހައްދުން ނަގައި ނިމުމުން އެސަރަހައްދުގެ ތިމާވެށްޓަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެޖެންސީއިން ސާރވޭ ކޮށްފައިވާކަމަށެވެ. އަދި ބާޖު ފަރަށް އެރުމުގެ ސަބަބުން ސީދާ ގޮތެއްގައި 1632 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާކަމަށް ވަނީ ކަނޑައަޅާފައެވެ.

ބާޖު ފަރަށް އެރުމުގެ ސަބަބުން ގިނަ ދަތިތަކެއް ރަަށުގެ އާންމުންނަށް ކުރިމަތިވިއެވެ. އެގޮތުން ރަށުގެ ކަޑިންމައަށް ބާޖު ބީހިފައި އޮތުމުގެ ސަބަބުން ރަަށަށް ލަފަ ފުރުމުގައި އޭރު ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ބާޖު ފުންކޮށް ސަރަހައްދަށް ފެތިފައިވާ ބާޖުގެ ބައިަތއް ނަގައި ނިމިފައިވަނީ މިއަހަރުގެ ނޮވެމްބަރުގެ މަހުގެ 16 ވަނަ ދުވަހުއެވެ. ބާޖުގެ ދިވެހިރާއްޖޭގެ އެޖެންޓް ރޮހޮފް ޕްރިވެޓް ލިމިޓެޑް ޖޫރިމަނާކޮށް، ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވަނީ މިޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.

ދާދިފަހުން ކ. ރަސްފަރީ ފަރަށް ބޯޓެއް އެރުމާއި ގުޅިގެން ބޯޓު ނިސްބަތްވާ ކުންފުނިން ވަނީ 10 މިލިޔަން ޑޮލަރު އީޕީއޭއަށް ދައްކާފައެވެ. މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހޯދި ފަހަރުކަން ފާހަގަކޮށްލެވެއެވެ.