ގއ. ކޮނޑޭ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާގެ ޓީޗަރަކު އިސްލާމް ފޮތެއް ބިންމައްޗަށް ވައްޓައިލި ކަމަށް ބުނާ ވާހަކަ އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެ ޓީޗަރު ވަނީ އިސްލާމް ފޮތް ބިން މައްޗަށް ވައްޓާލުމުގެ އިތުރުން ދަރިވަރުން ލައްވައި ކަރުދާހުން ކްރިސްމަސް ޓްރީއެއް ވެސް ހަދުވައިފައެވެ.

މީގެ އިތުރުން "ނަރަކަވެރި ފޮތާ ދުރުވެ، ސުވަރުގެ ފޮތާ ގާތް ވާން" ދަރިވަރުން ގާތުގައި އެ ޓީޗަރު ބުނި ކަމަށް ވެސް ބައެއް ބެލެނިވެރިން ވަނީ ތުހުމަތު ކޮށްފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ޓީޗަރު ގަސްތުގައި ފޮތް ވައްޓާލީ ނޫން ކަމަށާއި ހިސާބު ފޮތަކާއި އިސްލާމް ފޮތެއް މޭޒެއް މަތީގައި އޮއްވާ އަތުން ޖެހިގެން ވެެއްޓުނީ ކަމަށެވެ. އިސްލާމް ފޮތް ވެއްޓުމުން އެ ފޮތް ނަގައި އަލުން މޭޒުމަތީގައި ބޭއްވި ކަމަށް ވެސް މިނިސްޓްރީން ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް އަހުމަދު އަލީ ވިދާޅުވެފައިވެއެވެ.

"ކުދިން ކައިރީގައި ވެސް މިއީ މިވެނި ކަހަލަ ފޮތެކޭ އެކަހަލަ ވާހަކައެއް ދެއްކި ކަމަކަށް ވެސް އަޅުގަނޑުމެން ބެލި ބެލުމުން އެނގިފައެއް ނެތް،" އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަހުމަދު އަލީ ވިދާޅުވިއެވެ.