ފަރަންސޭސި ބަސް ކިޔަވައި ދިނުމަށް ބޭނުންވާ އިލްމީ އަދި ފަންނީ އެހީތެރިކަން ހޯދުމަށް ރާއްޖޭގައި ހުންނަ ފަރަންސޭސިވިލާތުގެ އެލަޔަންސް ފުރަންސައިޒްއާއެކު އެވިޑުކޮލެޖުން ސޮއި ކޮށްފިއެވެ.

އެވިޑު ކޮލެޖުން ނިންމާފައިވަނީ އެކި ފެންވަރުގެ ސަނަދު ތަކަށް ބިނާކޮށް ފަރަންސޭސި ބަސް ކިޔަވައި ދިނުމަށެވެ. "ފަރަންސޭސިބަސް އެކިފެންވަރުގެ ސަނަދުތަކަށް ބިނާކޮށްގެން ކިޔަވައިދޭން އިލްމީ އަދި ފަންނީ އެހީތެރިކަން ހޯދުމުގެ ގޮތުން ރާއްޖޭގައި ހުންނަ ފަރަންސޭސިވިލާތުގެ އެލަޔަންސް ފްރަންސައިޒްއާ އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި،" ކަމަށް އެވިޑު ކޮލެޖުން ބުނެފައިވެއެވެ.

އެ ކޮލެޖުން ބުނެފައިވަނީ މި ފަހުމުނާމާގެ ދަށުން ކުރިޔަށްއޮތް ތާނގައި ފަރަންސޭސި ބަހުގެ ކުރުމުއްދަތުގެ ކޯސްތަކާއި، އެކި ފެންވަރުގެ ސަނަދުތަކަށް ބިނާކޮށްގެން ކިޔަވައިދޭން ފެށޭނެ ކަމަށެވެ. އެލަޔަންސް ފެރެންސައިގެ ލަފަޔާއެކު މި ކޯސްތައް ފަރުމާކޮށްގެން ކުރިޔަށް ގެންދާނީ އެވިޑުކޮލެޖުގެ ފެކަލްޓީ އޮފް އާރޓްސް އެންޑް ލިޓްރޭޗަރއިން ކަމަށް އެކޮލެޖުން ބުނެފައިވެއެވެ.

އެވިޑްކޮލެޖަކީ ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތަކުގެ ތެރެއިން ފެންވަރު ރަނގަޅު ކޯސްތައް އެކި ދާއިރާތަކުން ހިންގާ ނަންމަޝްހޫރު އެއް ކޮލެޖެވެ.