ގްރޭޑް އެކެއްގައި ކިޔަވަން ފެށުމާއެކު އާމިނަތު ނައީމާ (ނައީ) މުސްތަގުބަލުގައި ކުރައްވާނެ މަސައްކަތް ކަނޑައެޅުއްވިއެވެ.

ނައީ އަކީ ބެލެނިވެރިންނާއި ދަރިވަރުންގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ކަނބަލެކެވެ. މުދައްރިސެކެވެ.

ނައީ ސީއެޗްއެސްސީގައި ކިޔަވަން އުޅުއްވި ދުވަސްވަރު

ތައުލީމީ ދާއިރާއަށް ޝައުގުވެރިވުން

ގުރޭޑު އެކަކަށް ވެންނެވުމާއެކު އޭނާ ކުރިއަށް ދުރުވާނެ ދާއިރާ ކަނޑައެޅުއްވިއެވެ. އެއީ ތައުލީމީ ދާއިރާއެވެ. އެހާ ކުރީގައި އޭނާގެ މުސްތަގުބަލް ކުރެއްސެވުމުން އޭރުވެސް އޭނާގެ ގާބިލްކަން ހާމަވެގެންދެއެވެ.

"ތާޖުއްދީނު ސްކޫލް ގްރޭޑް އެކެއްގައި ތަޢުލީމު ހާޞިލް ކުރަން ފެށުމާއެކު ޓީޗަރަކަށް ވުމަށް ހިތުގައި ކަނޑައެޅިން. އެއީ ގްރޭޑް އެކެއްގެ ކްލާސްޓީޗަރ އާބިދާ މިސްގެ ލޯތްބާއި އޯގާތެރިކަން ފެނިފަ. އަދި މި އުންމީދުގައި އިތުރަށް ކުލަޖައްސައިދިނީ ގްރޭޑް 4 ގެ ކްލާސްޓީޗަރ އާތިފާ މިސްގެ ފަރާތުން ދަރިވަރުންނަށް ލިބުނު ލޯތްބާއި އޯގާތެރިކަމުން." ނައީ މިސް ބުނުއްވިއެވެ.

ތަޢުލީމް

ނައީ އަކީ މާލެއަށް ނިސްބަތްވާ ކަނބަލެކެވެ. އޭނާ ވެގެން ދިޔައީ ކިޔެވުމުގައި ފާހަގަކޮށްލެވުނު ދަރިވަރަކަށެވެ. ރަނގަޅު ނަތީޖާތަކެއް ހޯދާ ޓީޗަރުންގެ ބަސްއަހާ އަޚުލާގު ރަނގަޅު ދަރިވަރެކެވެ. އަމީނިއްޔާސްކޫލުން އޯލެވެލް ހެއްދެވުމަށްފަހު ސީއެޗްއެސްސީ އިން އޭލަވަލް ނިންމާލުމަށްފަހު ޓީޗިން ކޯހެއް ހެދުމަށް ބައްޕަގެ ފަރާތުން ހުއްދައަކަށް އެދިލެއްވިއެވެ. އެހެންނަމަވެސް ޓީޗަރުން ކުރާ ބުރަ މަސައްކަތާއި މަސައްކަތުގައި އުޅެންޖެހޭ ވަގުތު ފެނިލައްވާފައިވާ ބައްޕަގެ ރުހުން، ނައީ އަކަށް ލިބިއެއް ނުލެއްވިއެވެ.

ނައީ މިސް ކިޔަވައިދިނުމުގައި

މައިންބަފައިންގެ ބަސްއަހާ ނައީ ކުޑައިރުއްސުރެ އުއްމީދު ކުރަމުން އައި ދާއިރާއާއި ދުރައްޖެހެލައި މިނިސްޓްރީއޮފް ޓްރާންސްޕޯޓް ސިވިލްއޭވިއޭޝަންގެ ބަޖެޓް ސެކްރެޓަރީއެއްގެ މަގާމުން ވަޒީފާ ފެއްޓެވީ މުދައްރިސަކަށްވުމުގެ އުންމީދު ހިތުގައި ބާއްވަވައިގެންނެވެ. އެހެންކަމުން ބައްޕަގެ ރުހުން ހޯދުމަށް އެކި ފަހަރުމަތިން ކުރެއްވި މަސައްކަތް ކާމިޔާބުވެ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުން ޑިޕްލޮމާއިންޓީޗިން ސެކަންޑަރީ ކޯސް ނިންމެވުމަށްފަހު މަޖީދިއްޔާ ސްކޫލުގެ އެކައުންޓް ޓީޗަރެއްގެ މަގާމު 2005 ވަނަ އަހަރު ފުރަންފެށިއެވެ. އެއަށްފަހު ޔުނިވާސިޓީ އޮފް މައިސޫރުން ފުރަތަމަޑިގްރީ ހާޞިލް ކުރެއްވިއެވެ. މިޑިގްރީ ހާސިލްކރެއްވުމަށް އެސްޓީ ފިލޯމިނާސް ކޮލެޖުގައި ކިޔަވަން އުޅުއްވިއިރު އެކޮލެޖުން 2 އަހަރު އިކޮނޮމިކްސް އިން އެންމެ މަތީ މާކްސް ނައީ މިސް ހޯއްދެވިއެވެ. އެއަށްފަހު ކިޔަވައިދެއްވުމުގެ ދާއިރާގައި އުޅުއްވަމުން ވިލާކޮލެޖް މެދުވެރިވެ، އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިއާއިން މާސްޓަރ ޑްގްރީ ހާޞިލް ކުރެއްވިއެވެ.

އެލުމުނީ އެވޯޑް (2010)

ވަޒީފާގެ ކާމިޔާބު

މަޖީދިއްޔާ ސްކޫލަށްފަހު 2010 އިން ފެށިގެން ނައީ މިސް ވަޒީފާ އަދާކުރައްވަން ފެއްޓެވީ ހިރިޔާ ސްކޫލްގައެވެ. ޓީޗަރެއްގެ މަގާމުން ފެށިގެން ލީޑިން ޓީޗަރެއްގެ މަގާމަށްފަހު 23 ނޮވެންބަރ 2021 ގައި ނައީ މިސް އަށް ޑެޕިއުޓީ ޕްރިންސިޕަލްކަން ލިބިލެއްވިއެވެ. އެކީގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި ގާތް ނައީމިސް މިހާރު ހުންނެވީ ހިރިޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގައެވެ.

ހިރިޔާ ސްކޫލްގެ އިނާމުދިނުމުގެ ޖަލްސާގެ ތެރެއިން (2018)

ވަޒީފާގައި ލިބޭ ހިތްހަމަޖެހުން

ނައީމިސް ބުނުއްވި ގޮތުގައި ދާއިރާގައި ލިބޭ އެންމެ ބޮޑު ހިތްހަމަހެހުމަކީ ދަރިވަރުން ހޯދާ ކާމިޔާބެވެ. " އަހަރުގައި އަންނަ އެންމެ، އުފާވެރި ދެ ދުވަހަކީ ކުދިންގެ އޯލެވެލް ނަތީޖާ ލިބޭ ދުވަހާއި ޕްރައިސްޑޭ" ނައީ މިސް ބުނުއްވިއެވެ. ދަރިވަރުންނާއި ބެލެނިވެރިން ދެއްވާ ލޯތްބާއި އިހުތިރާމަކީ މި ދާއިރާގައި ހުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރުކަމުގައި ނައީ މިސް ބުނުއްވިއެވެ. "ވަރަށް އުފާވޭ ކުދިން ފޮނުވާ ކާޑާއި ބުނެލާ ބަސްތަކުން. ބައެއްކުދިން ފޮނުވާ ލިޔުންތަކުން އުފަލުން ރޮއްވާލާ" ނައީ މިސް ބުނުއްވިއެވެ. ހަގީގަތުގައިވެސް ނައީ މިސް އަށް ދަރިވަރުން ފޮނުވާފައިވަނީ ޓީޗަރެއްގެ ހިތް އުފަލުން ރޮވޭފަދަ އަސަރުގަދަ މެސެޖުތަކެވެ. ދަރިވަރުންގެ ކާމިޔާބުގެ ފަހަތުގައި ވާޓީޗަރަކީ ނައީ މިސްކަމުގައި ބައެއް ދަރިވަރުން ލިޔެފައިވާއިރު އަނެއްބައި ދަރިވަރުން ކުރިޔަށްދާނެ މަގުދައްކައިދިން ކިޔެވުން ފަސޭހަކޮށްދިން ލޯބިވާ ޓީޗަރަކީ ނައީމިސް ކަމުގައި ލިޔެފައި ވެއެވެ. އަދި ވަކި ކުއްޖެއް ތަފާތު ނުކޮށް ހުރިހާކުދިންނަށް ލޯތްބާއި އޯގާތެރިކަންދޭ ނައީމިސް އަކީ ދެވަނަ މައެއްކަމުގައި ބައެއްކުދިން ފާހަގަކުރެއެވެ.

އެހެނިހެން ހުނަރު

ނައީ މިސްގެ ބައެއް ކުރެހުން

ނައީ މިސް އަކީ ހަމަ އެކަނި ކިޔަވައިދިނުމަށް މޮޅު ހިންގުންތެރި ލީޑަރެއް ނޫނެވެ. ކުރެހުންތެރިއެއްވެސް މެއެވެ. މި ފަންނަކީވެސް ނައީމިސް އެންމެ ކުޑައިރުއްސުރެ ޝައުގުވެރިވާ ދާއިރާއެކެވެ. އަދި މިހާރުވެސް ލިބޭ ފުރުޞަތުތަކުގައި ރީތި ކުރެހުންތަކަކާއި ހިތްގައިމު މަންޒަރުތަކުން ނައީ މިސްގެ ފިހީ ގެ ޖާދޫ ފެނެއެވެ. " ކިތަންމެ ބުރަކޮށް އުޅުނަސް ސްކޫލުގައި އާޓް އެކްޒަބިޝަންއެއް އޮތިއްޔާ ބައިވެރިވަން. " ނައީ މިސް ބުނުއްވިއެވެ.

މަސައްކަތުގައި އެހީތެރިވެދޭ ފަރާތްތައް

ތަޢުލީމީ ދާއިރާގައި 13 އަހަރު ހޭދަ ކުރެވުނީ ވަރަށް ގިނަފަރާތްތަކެއްގެ އެއްބާރުލުން ލިބިގެންކަމުގައި ނައީ މިސް ފާހަގަ ކުރެއްވިއެވެ. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހުނު ނަމަވެސް އާއިލާއިން އެކަން ބަލައިގަތުމަކީ ނައީ މިސްއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި އެކުގައި މަސައްކަތްކުރައްވާ ޓީޗަރުންނާއި ދާއިރާގެ އެހެން މުވައްޒަފުން ދެއްވާ އެހީތެރިކަންވެސް ނައީ މިސް ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ މިހާދުވަހު ވަޒީފާ އަދާކުރެއްވި އިރު ދިމާވި ހުރިހާ ވެރިންނަކީވެސް ވަރަށް ރަނގަޅު ހިތްހެޔޮ ކުރާ މަސައްކަތުގެ އަގު ވަޒަންކުރައްވާ ބޭފުޅުން ކަމަށް ވުމުން މަސައްކަތުގައި ދެމިހުރުމަށް އިތުރު ބާރެއް ލިބިލެއްވި ކަމަށް ނައީ މިސް ބުނުއްވިއެވެ.

ގޮންޖެހުންތައް

ތަޢުލީމީ ދާއިރާއާއި ގުޅޭ ޒުވާނުން މަދުވުމަކީ މި ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައި ނައީމިސް ވިދާޅުވިއެވެ. ނުވަދިހައިގެ އަހަރުތަކުގަޔާއި ދެހާހުގެ ކުރީކޮޅުގައި ވަރަށް ގިނަ ދިވެހިން ތަޢުލީމީ ދާއިރާއަށް ކުރިމަތިލައި ޓީޗަރުންނާއި އެހެނިހެން މަގާމުތައް ފުރަމުން ދިއައެވެ. ނަމަވެސް ފަހަކަން އައިސް މި ދާއިރާއާއި ގުޅޭ މީހުން މަދުވުމާއި ދާއިރާ ދޫކޮށް ދިއުމުގެ ސަބަބުން ސްކޫލްތަކަށް ރަނގަޅު ޓީޗަރުންނާއި ހިންގުންތެރިން ނުލިބޭކަމަށް ނައީމިސް ފާހަގަކުރެއްވިއެވެ.

މުސްތަޤުބަލަށް ކުރާ އުންމީދު

ނައީމިސް ބުނުއްވިގޮތުގައި އަބަދުވެސް އުންމީދުކުރަނީ ސްކޫލް ނިންމާފައި ނުކުންނަ ކޮންމެ ދަރިވަރަކީ، އަޚުލާޤުރަނގަޅު، ޒިންމާދާރު، ޤައުމަށް ފައިދާ ކުރަނިވި ދަރިވަރަކަށް ވުމެވެ.

ނައީމިސްގެ ތިޔަ އުއްމީދު ޙާޞިލްކުރުމަށް ކުރައްވާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާށިއެވެ. މި ގައުމަށް މިއަދު އެންމެބޮޑަށް ބޭނުންވެފައިވާ ދާއިރާއަކީ މީހުން ބިނާކުރުމެވެ. ރަނގަޅު ޖީލެއް ތަރުބިއްޔަތު ކުރުމެވެ. އެމަސައްކަތުގައި ހޭބޯނާރާ އުޅުއްވާ ފަރާތްތަކުގެ ތެރޭގައި ނައީމިސް ފާހަގަކުރަނީ ހީވާގި، ދަރިވަރުންނާއި hބެލެނިވެރިންގެ ލޯބި ހޯއްދަވައިގެން މަސައްކަތް ކުރައްވާ ހިންގުންތެރިއެއްގެ ގޮތުގައެވެ.