މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ނަގަމުންދާ ޓެކްސްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން ކ ގާފަރުގައި ކުރިއަށްގެންދާ މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގައި އީޔޫގެ ގައުމުތަކުން ނަގަމުންދާ ޓެކްސް ކުޑަކުރެވޭނެ ގޮތްތަކެއް ފެނޭތޯ އެކަމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މަސްވެރިންނަށް ދިމާވަ ތަފާތު ގޮންޖެހުންތައް ހުރިއިރު މީގެ ތެރެއިން އެންމެ ފާހަގަކުރެވޭ ކަމަކީ މަސްވެރިންނަށް ހަމަ އަގު ހޯދައިނުދެނުވުން ކަމަށާއި މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިދެވިއްޖެކަމަށް ގަބޫލުކުރަންވާނީ ކުރާ މަސައްކަތުގެ ބަދަލުގައި އެއާއި އެކަށީގެންވާ ރަނގަޅު އަގެއް މަސްވެރިންނަށް ލިބި، މަސްވެރިކަމަކީ ހަގީގަތުގައިވެސް އެކަމުން ފައިދާވާ މަސައްކަތަކަށްވުމުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މަސްވެރިކަން މިހާރަށްވުރެ ނަފާވަނިވި ގޮތަކަށް ބަދަލުކޮށްގެންވިޔަސް މަސްވެރިކަމުން ފައިދާވާކަމަކަށް މަސްވެރިކަން ބަދަލުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 17،000އަށްވުރެ ގިނަ މީހުން މަސްވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުންދާއިރު ނިސްބަތުން ބަލާއިރު މިއީ ރާއްޖެ ފަދަ ކުޑަ އާބާދީއެއްގެ ގައުމަކަށް ބޮޑު އަދަދެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މަސްވެރިންގެ ފައިދާއަށްޓަކައި ގިނަ ކަންތައްތަކެއް ސަރުކާރުން އަދިވެސް ކޮށްދޭންޖެހޭކަން ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަތީ އަގުތަށް ލިބޭ ފަދަ މާކެޓްތަކަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ރާއްޖެއަށް އޮތް ފުރުސަތު ހަނިކަން ފާހަގަކުރެއްވިއެވެ. މިވަގުތު އެކްސްޕޯޓްކުރަމުންދާ މަހުގެ ބާވަތްތަކަށް ބޮޑު އަދަދަކުން ޓެކްސް ދައްކަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮވިޑާއި ގުޅިގެން ސީ ފްރައިޓްވެސް، އެއަރ ފްރައިޓްވެސް ބޮޑުކޮށްފައިވާތީ އެކްސްޕޯޓްކުރުމަށް ބޮޑު އަގެއް ދައްކަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިތުރު މާކެޓްތަކަށް މަސް އެކްސްޕޯޓްކުރުމަށް މަސައްކަތްކުރަމުންދާކަމަށް މީގެކުރިން ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިނިސްޓަރ ވަނީ އިނގެރޭސިވިލާތާއި، ތުރުކީ އަދި ރަޝިޔާއަށް ރާއްޖޭގެ މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމަށް ވާހަކަދައްކަމުންދާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ތުރުކީއަށް މަހުގެ ބާވަތްތައް ގަނޑުކޮށްފައި އެކްސްޕޯޓްކުރުމުންވެސް އޭގެ ސަބަބުން ދިމާވާ ގެއްލުންތަކެއް އެބަހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެންމެ ރަނގަޅު މާކެޓެއް އަބަދުވެސް އޮންނަނީ ޔޫރަޕްގެ ގައުމުތަކުގައި ކަމަށާއި އެހެންނަމަވެސް މަހަށް ރަނގަޅު އަގެއް ނުލިބުމުގެ މައްސަލަ ޔޫރަޕްގެ ގައުމުތަކުން ދިމާވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދެދުވަހުގެ މުއްދަތަށް ގާފަރުގައި ކުރިއަށްދާ މަސްވެރިންގެ ފޯރަމްގެ ތެރެއިން އިއްޔެ މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ މަސްވެރިކަމުގައި ހުރި ގޮންޖެހުންތަކަށެވެ. މިގޮތުން، މަސްވެރިންނަށް ހަމައަގު ހޯދާ ދިނުމުގައިހުރި ގޮންޖެހުންތަކަށާއި މަތީއަގުލިބޭ ލިބޭ ޕްރިމިއަމް މާކެޓުތަކަށް ރާއްޖޭގެ މަސް ވިއްކުމަށް އޮތް ފުރުސަތު ހަނިވަމުންދާ މައްސަލައިގެ މައްޗަށާއި، ތެލުގެ އަގު އުފުލުމާއި، މަސްވެރިކަން ކުރުމުގެ ޚަރަދު ނިސްބަތުން ބޮޑުވުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

މީގެއިތުރުން މަހުގެ ކޮލިޓީ ނިސްބަތުން އަދިވެސް ދަށްކަމަށާއި މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް، މަތީއަގު ލިބޭގޮތައް ޕްރޮސެސްނުކޮށް، ރޯމެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާ ޖެހުމުގެ މައްޗަށް ވެސް، ފޯރަމްގެ ތެރޭގައި ވަނީ މަޝްވަރާކުރެވިފައެވެ. އަދި ދެމެހެއްޓެނެވި ގޮތުގައި ދޮށިން އަދި ނަނުގައި ބާނާމަހަށް ލިބެމުން އައި ޕްރިމިއަމް އަގު ގެއްލެމުން ދިޔުމާއި، އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ރާއްޖެއާއި ވާދަވެރި ބައެއް ގައުމުތަކަށް ރާއްޖެއަށް ވުރެ ކުޑައަގެއްގައި އިމްޕޯޓް މާކެޓްތަކަށް މަސްވިއްކޭކަން ފާހަގަކޮށް މަސްވެރިކަން ތަރައްޤީކުރުމުގައި އެކަންތައްތަކަށް އަލިއަޅުވާލާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.