މޯލްޑިވްސް ޕޯޓްސް ލިމިޓަޑް(އެމްޕީއެލް) އިން ފޯރުކޮށްދޭ މެރިން އަދި ޕައިލަޓޭޖްގެ ޚިދުމަތްތަކަށް ނަގަމުންދާ ޕައިލަޓޭޖް ފީތަކަށް ގިނަ ދުވަސްތަކަކަށް ފަހު ބަދަލު ގެނެސްފިއެވެ.

އެމްޕީއެލް އިން ބުނެފައި ވަނީ މި ބަދަލުތައް ގެނެވިފައިވަނީ 1 ޑިސެމްބަރު 2020 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެމްޕީއެލް އިން ބުނީ މި ބަދަލުތަކާ ގުޅިގެން، މެރިޓައިމް އިންޑަސްޓްރީގައި މަސައްކަތްކުރައްވާ ގިނަ ފަރާތްތަކެއްގެ ހިޔާލު އެ ކުންފުންޏަށް ލިބުމާއެކު، އެ ކުންފުނިން ވަނީ ޕައިލެޓޭޖް ޓެރިފްތައް އަލުން ރިވިއުކޮށްފައި ކަމަށެވެ.

އަދި ޕައިލެޓޭޖް ފީތައް ރިވިއުކުރުމުގެ މަރުހަލާގައި މި ކުންފުނިން ވާނީ މެރިޓައިމް އިންޑަސްޓްރީގެ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އިދާރާތްތައް އަދި ރައްޔިތުންގެ މަޖިލީހާއެކު ބޭއްވި މަޝްވަރާތަކުންލިބުނު ހިޔާލުތަކާއި ލަފާތަކަށް، ރިޔާއަތްކޮށްފައި ކަމަށް އެމްޕީއެލްއިން ބުނެއެވެ.

މީގެ އިތުރުން، މި މަސައްކަތުގައި އެ ކުންފުނިން ވަނީ އަވައްޓެރި ޤައުމުތަކުގެ ޕޯޓުތަކުން މި ވަގުތު ނަގަމުންދާ ޕައިލަޓޭޖް ފީތަކުގެ އަގުތައް ދިރާސާކޮށް، އެ އަގުތަކަށް ވެސް ރިޔާއަތްކޮށްފައި ކަމަށާއި މިހާރު އެ ގެނައި ބަދަލާއެކު، އެ ކުންފުނީގެ ޕައިލަޓޭޖް ފީތައް، ސަރަހައްދީ ޤައުުމުތަކުގައި ނަގަމުންދާ ޕައިލަޓޭޖް ފީތަކާ އަޅާކިޔޭ، ވާދަވެރި އަގުތަކެއް ކަމުގައިވާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ޕައިލަޓޭޖް ފީތައް އަލުން ރިވިއުކޮށް، އެ ކުންފުނިން ގެނައި ބަދަލުތަކާއެކު މާލެ ވިޔަފާރި ބަނދަރަށް އަންނަ ބޯޓު ފަހަރާއި ޕަސެންޖަރ ލައިންތަކުގެ ޕައިލަޓޭޖް ފީތައް އެވެރެޖްކޮށް 50 ޕަސެންޓް ކުޑަކުރެވިފައިވާ ކަމަށާއި މީގެ އިތުރުން ވެރީ ލާޖް ކްރޫޑް ކެރިއަރ (ވީ.އެލް.ސީ.ސީ) ތަކަށް ނަގާ ޕައިލަޓޭޖް ފީ 20 ޕަސެންޓާ ހަމައަށް ކުޑަވެގެންދާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

އެމްޕީއެލް އިން ބުނީ ޓަގު ކުއްޔަށް ދިނުމުގެ އަގުތަކަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެވިފައި ކަމަށެވެ. އެގޮތުން ޓަގް ކުއްޔަށް ދޭ އަގުތައް ވެސް 30-50 ޕަސެންޓާ ދެތޭރެގެ އަދަދަކާ ހަމައަށް ކުޑަވެގެންދާނެ ކަމަށާއި މީގެ އިތުރުން ވެސް، ބައެއް އެހެނިހެން ޚިދުމަތްތަކުގެ އަގުތަކަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ޕައިލަޓޭޖް ފީތަކަށް މި ގެނެވުނު ބަދަލުތަކަށް އަމަލުކުރަން ފަށާނީ 15 ޑިސެމްބަރު 2021 ވަނަ ދުވަހުން ފެށިގެން ކަމަށް އެމްޕީއެލް އިން ބުނެއެވެ.