ގދ. ފަރެސްމާތޮޑާއިން ކޮވިޑް ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ ވިދިވިދިގެން ހަ ދުވަސް ވެއްޖެ ކަމަށް އެރަށު ސިއްހީމަރުކަޒުން ވިދާޅުވެއްޖެއެވެ.

އެރަށުން އަނެއްކާ ވެސް ކޮވިޑް ބަލި ފެނިގެން މިހާރުވެސް ވަނީ ރަށް މޮނިޓަރިންއަށް ލައިފައެވެ. ޕޮޒިޓިވް ކޭސްއެއް ނުފެނި 6 ދުވަސް ވުމަކީ އެބަލީން އަރައިގަތުމަށް އެރަށުގެ ސިއްހީމަރުކަޒާއި ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެކެވެ.

އެރަށުން މިހާތަނަށް ޖުމްލަ ޕޮޒިޓިވް ވެފައިވަނީ 53 މީހެކެވެ. އޭގެތެރެއިން 46 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި އެރަށުގައި މިވަގުތު ތިބީ 7 މީހެކެވެ.

މިހާތަނަށް އެރަށުން ވަނީ ޖުމްލަ 588 ސާމްޕަލް ނަގައިފައެވެ. އޭގެތެރެއިން 512 ސާމްޕަލެއް ފިޔަވައި ދެންހުރި 53 ސާމްޕަލް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން ނަތީޖާ ނުލިބޭ 23 ސާމްޕަލެއް އަދިވެސް އެބަހުއްޓެވެ.

އެރަށުގައި ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި މިވަގުތު ތިބީ 14 މީހެކެވެ. އަދި ހަތް ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ. މި ބަލީގައި މިހާތަނަށް އެރަށުން އެއްވެސް މީހަކު ނިޔާވެފައެއް ނުވެއެވެ.

ފަރެސްމާތޮޑާ އާބާދީގެ 963 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 893 މީހެކެވެ.