ނޮވެންބަރު 2021 ގައި މީރާއަށް 1.24 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %168.4 އިތުރު އަދަދެކެވެ. އަދި، ނޮވެންބަރު 2021 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %51.8 އިތުރު އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ނޮވެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ.
މިގޮތުން، އޮކްޓޯބަރު 2020 އާއި އަޅައިބަލާއިރު، އޮކްޓޯބަރު 2021 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 7 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ނޮވެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ނޮވެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ނޮވެންބަރު 2020 ގައި ލިބިފައެއް ނުވެއެވެ.
ނޮވެންބަރު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %62.2 ނުވަތަ 773.23 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ %6.5 ނުވަތަ 80.99 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.60 މިލިއަން ރުފިޔާ (%6.2)، ގްރީން ޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ (%6.1)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 45.28 މިލިއަން ރުފިޔާ (%3.6) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 191.94 މިލިއަން ރުފިޔާ (%15.4) ލިބިފައިވެއެވެ.
ނޮވެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.31 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.