ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ހުޅުވައިފި އެވެ.

450 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތް މިއަދުގެ އަސްރު ނަމާދަށް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

މިއީ 4.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، ޔެސް މޯލްޑިވްސް ޕްރަައިވެޓް ލިމިޓެޑުން ޢިމާރާތްކުރި މިސްކިތެކެވެ. އަދި މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ހަވާލުކުރި ވަގުތީ ދެ މިސްކިތުގެ ތެރެއިން އެއް މިސްކިތެވެ.

މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު، އެ މިސްކިތް އެޅުމަށް އެކުންފުންޏަށް ހަވާލުކޮށްފައިވާ އިރު، މިސްކިތުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ހިޔާ ފްލެޓުތައް ސަރަހައްދުގައި ދެން ޢިމާރާތްކުރުމަށް ނިންމާފައިވާ ވަގުތީ މިސްކިތަކީ 600 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދު ކުރެވޭނެ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތު ހުރި ހަމައެކަނި ދާއިމީ މިސްކިތަކީ އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ 450 މީހުންގެ ޖާގައިގެ "މަސްޖިދު އަމީލް ޖަލީލް" އެވެ.