މިއަހަރު މަސްވެރީންގެ ދުވަސް ފާހަގަ ކުރުމަށް ގދ. ފަރެސްމާތޮޑާގައި ހުކުރުދުވަހު ބޭއްވި "ހިތްވަރު މަސްރޭސް" އިން އެއްވަނަ މާމުޑާ ޓީމް ހޯދައިފިއެވެ. އެޓީމް ވަނީ ޖުމްލަ 37.5 ކިލޯ މަސް ބާނައިފައެވެ.

ދެވަނަ ޓީމަކަށް ހޮވިފައިވަނީ މެނޭޖަރސް ޓީމެވެ. އެޓީމު ވަނީ 28.2 ކިލޯ މަސްބާނައިފައެވެ. ތިން ވަނަ ޓީމަކަށް ހޮވިފައިވަނީ ލޫދާޅޭވިދާޅޭ އެވެ. އެޓީމަށް ބޭނިފައިވަނީ 21.5 ކިލޯއެވެ.

މި މުބާރާތުގައި ޖުމްލަ 8 ޓީމު ވާދަކުރިއެވެ. އޭގެތެރޭގައި އަންހެންޓީމެއް ވެސް ހިމެނެއެވެ.

މި މުބާރާތުގައި އެންމެ ބަރު މަހެއް ބާނާފައިވަނީ އެއްވަނައަށްދިޔަ މާމުޑާ ގެ ހުސައިން ޝަހީދެވެ. އޭނާ ބޭނިމަހުގެ ބަރުދަނުގައި 17.5 ކިލޯ ހުއްޓެވެ. އިނާމެއްގެ ގޮތުގައި އޭނާއަށް ވަނީ 500 ރުފިޔާ ދީފައެވެ.

މުބާރާތުން ވަނަތައް ހޯދި ޓީމުތަކަށާއި މީހުންނަށް ވަނީ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަސްވެރީންނަށް ބޭނުންވާ ބުޅި ޖަހައިގެން ހިތްވަރުދިނުމުގެ އިނާމް ހާސިލް ކުރައްވާފައިވާ އެރަށު މުހައްމަދު މަނިކެވެ. އެއްވަަނަ ޓީމަށް ވަނީ 3500 ރުފިޔާގެ އިނާމެއް ދީނެފައެވެ. ދެވަނަ ޓީމަށް ދީފައިވަނީ 2500 ރުފިޔާއެވެ. ތިން ވަނަ ޓީމަށް ދީފައިވަނީ 1500 ރުފިޔާއެވެ. މިއީ ފަރެސްމާތޮޑާ ކައުސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމް ކޮށްގެން ބޭއްވި ރޭހެކެވެ.

ފަރެސްމާތޮޑާއަކީ ރާއްޖޭގެ މަސްވެރި ރަށްރަށުގެ ތެރެއިން ފާހަގަކޮށްލެވޭ ރަށެވެ. އެއީ ޒުވާން ހީވާގި މަސްވެރީންގެ ރަށެކެވެ. ދެން އަންނަ މަސްވެރީންގެ ދުވަސް ސަރުކާރުން އެރަށުގައި ފާޖަގަ ކުރުމަކީ މަސްވެރީންގެ ވަރަށްބޮޑު އެދުމެކެވެ.