ހިޔާފުލެޓުތަކުގައި ދިރިއުޅެމުންދާ މީހުން (ކޮތަރުކޮށީގައި އުޅެމުންދާ މީހުން) ގެ އަޑު ޕީޕީއެމްގެ ސަރުކާރެއްގައި އަހާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ހިޔާފުލެޓުގައި ދިރިއުޅެމުންދާ މީހުންގެ އަޑުތައް މިހާރުވެސް އިވިވަޑައިގަންނަވާ ކަމަށެވެ. ޕީޕީއެމް ސަރުކާރެއްގައި އެއަޑުތަކަށް އިޖާބަ ދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ފުލެޓުތަކުގެ އަގު މިހާރު އެހުރީ މާބޮޑަށް ވެސް އަތްނުފޯރާ ހިސާބު އުހުގައި ކަމަށެވެ. އެތަންތަނުގެ އަގުތައް ހުންނަވާނީ 8500 ރުފިޔާއަށް ނޫންކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ނިންމާފައިވާ އަގަށް ފުލެޓުތައް ދެވެންވާނޭ ކަމަށް ޔާމީން ވދާޅުވިއެވެ. "ކުރީގައި ނިންމާފަ ހުރި އަގުތަކަށް މިކަން ކުރެވެންވާނެ. މި އުޅެނީ ދުނިޔޭގެ އިންޓްރެސްޓިންގ ރޭޓް ބޮޑުވެގެންނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ސަރުކާރުން ނިންމަވާފައިވަނީ 5600 ރުފިޔާއަށް ފުލެޓު ދިނުމަށެވެ.

މިހާރު ފުލެޓަކަށް 8500 ދައްކަން ޖެހުމަކީ ބޮޑު ތަކުލީފެއް ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.