ލޯބިވާ މީހުންނަކީ ހަމަ އެކަނި އާއިލާއެއްނޫނެވެ. ރަޙުމަތްތެރިންނާއި މުދައްރިސުންނާއި ދަރިވަރުންވެސް ލޯބިވާ މީހުންގެ ތެރޭގައި ހިމެނެއެވެ. މި ފަދަ މީހަކު ދެރަ ބަހެއް ބުނުމަކީ ފަސޭހައިން ހިތުން ފިލުވައިލެވޭނެ ކަމެއް ނޫނެވެ.

ކަނޑިފާރު ފަސޭހަވިޔަސް ހިތުފާރު ފަސޭހަނުވެއޭ ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. ކަނޑިން ޖެހުމުން ހަށިގަނޑުގައި އުފެދޭ ފާރު ގިނަދުވަހުން ނަމަވެސް ފަސޭހަވެއެވެ. ނަމަވެސް ދުލުން ބުނާ ބަސްތަކުން، ދޭ "އަނިޔާ" މުޅި އުމުރަށްވެސް ހިތުން ނުފިލާ ހުރެއެވެ. ޚާއްޞަކޮށް ލޯބިވާ މީހަކު ބުނާ ދެރަ ބަހެއް ހިތުން ފިލުވާލުވާލުމަކީ ގިނަފަހަރަށް ނާދިރު ކަމެކެވެ.

ބައެއް މީހުނަށް ހީވެފައި އޮންނަނީ އަނިޔާ އަކީ ހަމައެކަނި ޖެހުން ނުވަތަ ތަޅާ އަނިޔާކުރުން ކަމަށެވެ. އެހެންނަމަވެސް ދުލުން ބޭރުކުރާ ބަހަކީވެސް އަނިޔާއަށް ވެއެވެ. އެބަހަކީ އެބަސް ރައްދުވާ މީހާ ހިތުގައި ޖެހޭ ބަހަކަށްވާނަމަ، އެދެވެނީ މުޅި އުމުރަށްވެސް ހިތުން ނުފިލާވަރުގެ އަނިޔާ އެކެވެ.

އާއިލާ ތެރޭގައި ޖެހޭ މައްސަލަތަކުން ބައެއްފަހަރު ރުޅިއައިސްގެން އަނބިމީހާ ނުވަތަ ފިރިމީހާ، އެކަކު އަނެކަކާއި ދިމާއަށް އެއްޗިހި ބުނެވެއެވެ. އަދި ދަރިން މައިންބަފައިންނަށް، މައިންބަފައިން ދަރިންނަށް ވެސް ދެރަ ބަސްތައް ބުނެއެވެ. ހަމަ އެހެންމެ ރަޙުމަތްތެރިންވެސް އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ހިތުގައިޖެހޭފަދަ ބަސްތައް ބުނެއެވެ. މި ބުނެވޭ ބަހުގެ ސަބަބުން ފަހުން ބަސް ބުނާމީހާވެސް ދެރަވެއެވެ. އެހެންކަމުން ބަހެއް ދުލުން ބޭރުކުރުމުގެ ކުރިން ވަރަށް ބޮޑަށް ވިސްނަންޖެހެއެވެ.

ލޯބިވާ މީހުނާ ދިމާއަށް ދެރަ ބަސްތައް ބުނުމުން އެމީހުނާއެކު އުޅުމަކީ އުނދަގޫކަމަކަށް ވެއެވެ. ޢަލީ (ރޢ) ވިދާޅުވެފައި ވެއެވެ. " އިންސާނާގެ ހަށިގަނޑަށް ދެވޭ އެންމެ ބޮޑޮ އަނިޔާ އަކީ އެމީހެއްގެ ހިތަށް ކުރާ އަނިޔާއެވެ. އަދި ހިތަށް ކުރާ އަސަރު ނުއެނގޭ ބައަކާއިއެކު ދިރިއުޅެން ޖެހުމުން ލިބޭ އަނިޔާއެވެ."

ބައެއް ފަހަރަށް ލޯބިވާމީހުން ބުނާ ދެރަ ބަސްތަކުން މުޅި ދިރުއުޅުން ބަނަވެއެވެ. ހަލާކުގެތެރެއަށް ވެއްޓެއެވެ. މުފްތީ މެންކްގެ ތަޤުރީރެއްގައި ވިދާޅުވިއެވެ. " ގިނަ ކުދިން ފޭލިއަރުންނަށްވެ އަޚުލާޤު ނުބައި ކުދިންނަށް ބަދަލުވަނީ މައިންބަފައިންގެ ދުލުގެ ނުބައިކަމުންނެވެ. ރުޅިއަންނަ ހިނދު ދަރިންނަށް ބުނެވޭ ބަސްތަކުގެ ސަބަބުންނެވެ. "

ރުޅިއައިސްގެން ގިނަފަހަރަށް ކޮންމެ މީހަކާ ދިމާއަށްވެސް ދުލުން ބޭރުކުރެވޭނީ ދެރަވާނެ ބަހެކެވެ. އެހެންކަމުން ރުޅި އަންނަ ހިންދު ނަފުސުގެ މައްޗަށް ބާރުފޯރުވުން ވަރަށް މުހިންމެވެ. އެއީ ތިމާ ލޯބިވާ މީހުނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާއެވެ. އެއީ ތިމާ ލޯބިވާ މީހެއްގެ ހިތުގައި ޖެއްސުމަކީ އެމީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާކަމަށްވާތީއެވެ.