ރައްޓެހިންނާއި އާއިލާގެމީހުނާ ބައްދަލުނުވެ އެތައްދުވަހަކަށްފަހު އާއިލާގެ ހަފުލާއެއްގައި ބައިވެރިވީމެވެ. ގިނަ ދުވަސްތަކަކަށްފަހު ފެނުމުން އެތައްބައެއްގެ ވާހަކަތައް އަޑުއަހަންޖެހުނެވެ. އެކަކުބުންޏެވެ. " ހާދަ ހިއްކާލާފައި" އަނެކަކު ބުންޏެވެ. "ހިކުނީމާ މާ، ހުތުރު. ހީވަނީ މުސުކުޅިއެއްހެން " ކޮންމެ މީހަކަށްވެސް އެމީހަކު ހުންނަ ސިފަ ފެންނާނެއެވެ.

ކޮންމެ މީހެއްގެ ކޮޓަރީގައިވެސް ސޫރަ ފެންނާނެ ލޯގަނޑުތައް ހަރުކޮށްފައިވެއެވެ. ހަމަ އެހެންމެ މިހާރު އަތުގައި އޮންނަ ސްމާޓް ފޯނުންވެސް އެމީހެއްގެ ސިފަ ފެންނާނެއެވެ. އެހެންކަމުން އަނެކަކު އޭނަ ހުރި ސިފަ ބުނެދޭކަން ނުޖެހޭނެއެވެ.އެކަކުވެސް އޭނާއާއި ދިމާއަށް ހުތުރޭ ބުނަން އެދޭނެހެއްޔެވެ؟ ނަމަވެސް މިއީ ހަމަ ދިވެހިންގެ ކިބައިން ފިލައި ނުދިޔަ އާދައެކެވެ. " މިހާރު ހާދަފަލައޭ. ވެއްޓިއްޖިއްޔާ ނަގާ ބަހައްޓާނެ ކޮޅެއްވެސް ނޭނގެ" ފަލަވުމުންވެސް ހަމަ ފެންނަ ތާކުން ހާދަ ފަލައޭ ނުބުންޏަކަސް ފަލަމީހާއަށް ފަލަކަން އެނގޭނެއެވެ. މޫނުގައި ހާދަ ބިހި ގިނައޭ އެހެންމީހަކު ބުނާކަން ނުޖެހެއެވެ. ބިހި ގިނަވީމާ، ހިސާބަށްވުރެ ފަލަވީމާ، ނުވަތަ ހިކުމުން އެމީހަކަށްވެސް ހުތުރުވާނެއެވެ. އެހެންނަމަވެސް މިކަންކަން މިހެން މިވަނީ ސަބަބެއް ކުރިމަތިވެގެނެވެ. އެހެންކަމުން ފުރަތަމަވެސް ސިފަ ނުކިޔާ ހާލު އަހާލަން ވީނޫންހެއްޔެވެ؟

މިގޮތަށް ސިފައަށް ފާޑުކިޔުމަކީ ހަމައެކަނި އާއިލާތެރޭގައި އޮތްކަމެއް ނޫނެވެ. އޮފީހުގެ މާހުލުގަޔާއި ސުކޫލުތަކުގައިވެސް ހިނގާ ކަންކަމެވެ. ހަމަ އެހެންމެ ރައްޓެހިންގެ ކޮފީ މޭޒުތަކުގައިވެސް އާންމުކަމެކެވެ. މީހުންގެ ސިފައަށް މަލާމާތްކޮށް ހެދުމަކީ ފުރައްސާރަކުރުމެވެ. މިކަމުގެ ސަބަބުން އެކަކު އަނެކަކާއި މެދު އޮންނަ ގުޅުމަށް އަސަރު ފޯރައެވެ.

މިގޮތަށް ސިފައަށް ފާޑުކިޔާ ފުރައްސާރަކުރުމުން އެމީހަކާއިމެދު ހިތްހަމަނުޖެހުން އުފެދެއެވެ. އަދި އިތުބާރުވެސް ގެއްލެއެވެ.

މީހުންގެ ސިފައަށް މަލާމަތްކޮށް ވާހަކަދެއްކުމަކީ ބައެއް މީހުން މަޖަލަކަށް ކުރާކަންތަކެވެ. ނަމަވެސް މިގޮތަށް ސިފަކިޔުމުން ބައެއްމީހުން މޫނުމަތިން ނުރުހުންވާކަން ފާޅުކުރިޔަސް އަނެއްބަޔަކު އެކަން ހިތުގައި ބާއްވައިގެން އެކަމާމެދު ވިސްނާނެއެވެ. އަދި މާޔޫސްވެ މީހުނާ ބައްދަލުކުރުން މަދުކުރާމީހުންވެސް މީގެތެރޭގައި ހިމެނެއެވެ. އެކަމުގެސަބަބުން އަމިއްލަނަފުސަށް އޮންނަ އިތުބާރުވެސް ގެއްލެއެވެ.

މީހުން ހެދި ހުންނަ ގޮތަށް މަލާމާތްކުރުމަކީ މަޖަލަކަށްވެސް ކޮއްގެންވާނެކަމެއްނޫނެވެ. އެއީ ހަމަ ހަންގާކުރުމެވެ. އެކަމުގެސަބަބުން ބެއްމީހުން އަމިއްލަ ނަފުސަށް ނަފުރަތުރެއެވެ.

އެހެންކަމުން ސިފަކިޔާމީހާއަށް އެއީ މަޖާކަމަކަށްވިޔަސް އެ ރައްދުވާމީހާއަށް އެއީ ހިތްދަތި އިހުސާސަކަށް ވެދެއެވެ. ވީމާ، މަޖަލަކަށްވިޔަސް އިންސާނުން ހެދިހުންނަގޮތަށް ފާޑުކިޔުން ހުއްޓާލަންޖެހެއެވެ.

ރައްޓެހިންވެސް އަދި އާއިލާގެމީހުންވެސް ބަލަންވީ އަނެކާގެހިތަށް ފިނިކަމެއް ލިއްބައިދޭ ބަހެއް ބުނެވޭތޯއެވެ. ކޮންމެ އިންސާނަކުވެސް ބޭނުންވާނީ އޭނާއަށް އޯގާތެރިކަމާއި އެކު ވާހަކަދައްކައި ބަސްބުނާނެ މީހުންނެވެ. ފާޑުކިޔައި މަލާމަތްކުރާނެ މީހުނެއްނޫނެވެ.