ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ ބިދޭސީ މީހާ ޝާ އަލޮމް މިއާގެ މައްޗަށް ދެދައުވާއެއް އުފުލައިފިއެވެ.
ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ބިދޭސީ މީހާގެ މައްޗަށް ކުރަނީ ޤާނޫނު ނަންބަރު 2010/17 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 623 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.
ބިދޭސީ މީހާގެ މަށްޗަށް ކުސް ސާބިތުކުރެވޭ މިންވަރަށް ހެކި ލިބިފައި އެބަހުރިކަމަށް ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ ބިދޭސީ މީހާ ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުން މަހްމޫދު މަރާލުމުގައި އޮތްކަމަށް އަދި މިހާތަނަށް އެނގިފައި ނެތްކަމަށެވެ. ބިދޭސީ މީހާގެ މައްޗަށް މިދައުވާތައް އުފުލާއިރު މިކަމަކީ އެރަށު މީހުންނަށްވެސް ގަބޫލުކުރަން ފަސޭހަކަމެއް ނޫންކަމަށާއި އެހެންނަމަވެސް މިހާތަނަށް އިތުރު މީހެއްގެ ބައިވެރިވުން އޮތްކަމަށް ހާމަނުވާކަމަށް ފލުހުން ވިދާޅުވިއެވެ. މިކަން އޭނާގެ އިއުތިރާފުންނާއި ހެކިތަކުންވެސް ހާމަވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަކު އެކަންޏަށް މިވަރުގެ ކަމެއް ކުރެވިދާނެކަމަށް ގަބޫލުކުރެވޭ ސަބަބެއްގެ ގޮތުގައި ފުލުހުން ވިދާޅުވީ އެއް ފަހަރުން ދިން އަނިޔާއަކުން އޭނާ މަރާލުމުގެ ބަދަލުގައި މަހްމޫދު މަރުވަންދެން އަނިޔާކޮށްފައި ހުރުމެވެ.
މަހުމޫދު ހޯދުމަށް ގެތައް ފާސްކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނުނީ ފަޅު ގޯއްޗެއްގައި ހުރި ފެންވަޅެއްގެ ތެރެއިންނެވެ. އޭނާ މަރާލުމަށްފަހު ފަޅު ގޯއްޗަށް ގެންދިޔުމާއި ހަމައަށް ގާތްގަނޑަކަށް ފަސްވަރަކަށް ގަޑިއރު ހޭދަވާނެކަމަށް ފުލުހުން ލަފާކުރެއެވެ.