އިންތިޚާބުގެ ކަންކަން ނިމެން އަދި ގާތްވެސް ނުވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ވޯޓަށް ވުރެންވެސް ގިނަ ވޯޓު އިދިކޮޅު ޖޯ ބައިޑެންއަށް ކަށަވަރުވެ، ރިޔާސީ އިންތިޚާބު ބައިޑެން ކާމިޔާބު ކުރައްވައިފި ކަމަށް އެމެރިކާއާއި، ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކުރަން ފެށުމާ އެކުގައެވެ.
ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިންތިޚާބު ކާމިޔާބު ކުރެވިއްޖެކަމަށް ދެއްކުމަށް ބައިޑެން އުޅުއްވަނީ ހަގީގަތާ ޚިލާފަށް ކަމަށެވެ.
އިންތިޚާބުގެ ކަންކަން ނިމެން އަދި ގާތްވެސް ނުވާކަމަށް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.
އެމެރިކާގެ ރައީސް ވިދާޅުވީ، އެންމެ ވާދަވެރިކޮށް ދިޔަ ސްޓޭޓްތަކުގެ ވޯޓު މިހާރު މިސްރާބު ޖަހާފައިވަނީ ވޯޓު އަލުން ގުނުމާ ދިމާއަށް ކަމަށެވެ. އަދި އޭނާގެ ކެމްޕެއިންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ސައްހަ މައްސަލަތައް ހުރީ ހުރިގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވި ހަގީގީ ފަރާތެއް ކަނޑައެޅޭނީ މިކަންކަން ނިމުނު އިރަކުން ކަމަށްވެސް ޓްރަމްޕްގެ ބަޔާނުގައި ވިދާޚުވެފައި ވެއެވެ.
ސްޓޭޓްތަކުގެ ވޯޓު ގުނަމުންދާއިރު، އިންތިޚާބުން ކާމިޔާބު ކުރުމުގެ ފުރުސަތު ކެންޑިޑޭޓަކަށް ގެއްލުމާއި، އަދި އިންތިޚާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓެއް ޕްރޮޖެކްޓްކުރުމަކީ އެމެރިކާގެ މީޑިއާގެ އާންމު ޕްރެކްޓިސްއެކެވެ. އަބަދުވެސް އެކަން ކުރާ ގޮތެވެ.
ޖޯ ބައިޑެންއަށް ރިޔާސީ އިންތިޚާބު ކަށަވަރުވެއްޖެކަން މީޑިއާއިން ޕްރޮޖެކްޓްކުރީ، ޕެންސިލްވޭނިއާގެ ވޯޓުގައި، ގުނާފައިވާ ވޯޓާއި، ބާކީ ނުގުނާ ހުރި ވޯޓާއި އަޅާކިޔައި، ޓްރަމްޕަށް ޖޯ ބައިޑެން ދެން އަތުނުވާނެކަން ޔަގީންވާ ވަރަށް ވޯޓުގެ ތަފާތު ދެއްކުމާ ގުޅިގެންނެވެ.
ޕެންސިލްވޭނިއާގެ ވޯޓު ކަށަވަރުވުމާއެކު، ޖޯ ބައިޑެންއަށް 273 އިލެކްޓޯރަލް ވޯޓު ކަށަވަރުވެ، ބައިޑެން އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމަށް ހުރިހާ މީޑީއާއަކުންވެސް މިހާރުވަނީ ކަނޑައަޅާފައެވެ.
ޕެންސިލްވޭނިއާގެ އިތުރުން، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ކުރެއްވި ސްޓޭޓްތައް ކަމަށްވާ މިޗިގަން، ވިންސްކޮންސިން، އެރިޒޯނާވެސް ބައިޑެންވަނީ ޑިމޮކްރޭޓުންގެ ކޮޅަށް އަނބުރާ ލައްވާފައެވެ.
އެހެން ނަމަވެސް، ޓްރަމްޕް ކެމްޕެއިނުން ބުނެފައިވަނީ، ޕެންސިލްވޭނިއާގެ ވޯޓުގެ ނަތީޖާގެ މައްސަލަ ކޯޓަށް ވައްދާނޭ ކަމަށެވެ.
އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ފަހަނައަޅައި ޖޯ ބައިޑެން ދިޔަކަން މީޑިއާއިން އިޢްލާން ކުރިއިރު، ޓްރަމްޕް ހުންނެވީ "ޓްރަމްޕް ނޭޝަނަލް ގޮލްފް ކޯރސް" ގައި ގޮލްފު ކުޅުއްވަން ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
ޓްރަމްޕް އަދި ހުންނެވީ ބަލި ގަބޫލުކުރައްވާ ގޮތަކަށް ނޫނެވެ.