ދެވަނަ ހާފުގައި ކުޅެން ނިކުމެ ކެޕްޓަން ލިއޮނަލް މެސީ ދެއްކި މޮޅު ކުޅުމާއެކު ރެއާލް ބެޓިސްގެ މައްޗަށް 5-2 އިން ބާސެލޯނާ މިރޭ ކުރި ހޯދައިފިއެވެ.
ސްޕެނިޝް ލަލީގާގައި އެންމެފަހުން ކުޅުނު 3 މެޗުގައިވެސް މޮޅެއް ހޯދިފައިވާ ނުވާ ބާސެލޯނާއިން މިރޭގެ މެޗަށް ނިކުތީ މެސީ ބެންޗުގައި ބަހައްޓައިގެންނެވެ. މިއީ ފާއިތުވެދިޔަ އެއްއަހަރު ތެރޭގައި މެސީ ބެންޗުގައި ބައިންދައިގެން ބާސެލޯނާއިން މެޗެއް ފެށި ފުރަތަމަ ފަހަރެވެ.
މެޗް ފަށައިގެން ބާސެލޯނާއިން ލީޑް ނެގީ މެޗުގެ 22 ވަނަ މިނެޓުގައި ފްރާންސްގެ ހުނަރުވެރި ވިންގަރ އޮސަމާނޭ ޑެމްބެލޭގެ ލަނޑުންނެވެ. އެކަމަކު ބާސެލޯނާއަށް ލީޑުގައި ހިފަހައްޓާލެވުނީ ފުރަތަމަ ހާފުގެ އިތުރު ވަގުތާއި ހަމައަށެވެ. ބެޓިސްއަށް މިލަނޑު ކާމިޔާބު ކޮށްދިނީ އެންޓޯނިއޯ ސެނަބްރިއާއެވެ.
ބާސެލޯނާއިން ދެވަނަ ހާފް ފެށީ ކެޕްޓަން މެސީއާއެކުގައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރީޒްމަން ލަނޑެއް ޖަހައި ބާސާއަށް ލީޑް ފުޅާ ކޮށްދިނުމެވެ. ދެން ފެނިގެންދިޔައީ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ބާސާގެ ލީޑް މެސީ ފުޅާ ކޮށްދިން ތަނެވެ. ބެޓިސްއިން ބާސާ ހާސްކޮށްލީ 73 ވަނަ މިނެޓުގައި ލޮރެންޒޯ ގާސިއާ ކާމިޔާބު ކުރި ލަނޑުންނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ބެޓިސްއިން މަސައްކަތް ކުރަމުން ދަނިކޮށް 82 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ބާސާ ހަމައަކަށް އަޅުވައިދިނީ މެސީއެވެ. ބާސާގެ ފަސްވަނަ ލަނޑަކީ މެޗުގެ 90 ވަނަ މިނެޓުގައި ޒުވާން އުއްމީދީ ވިންގަރ ޕެޑްރީ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިއީ ލަލީގާގައި ޕެޑްރީ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.
މިސީޒަނުގައި ޕެނަލްޓީއަކުން ނޫން ގޮތަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާތީ އާއި ދަނޑުމަތީގައި މަސައްކަތް ނުކުރާކަމަށް ބުނެ ބައެއް ސަޕޯޓަރުންގެ ފާޑު ކިޔުން މެސީއަށް ވަނީ އަމާޒުވެފައެވެ. މެޗުގެ ކުރިން މިފާޑުކިޔުންތައް ކޯޗް ރޮނާލްޑް ކޫމަން ވަނީ ރައްދު ދީފައެވެ.
މިމޮޅާއެކު ތާވަލުގެ 8 ވަނައިގައި ބާސާ އޮތީ މިހާތަނަށް ކުޅުނު 7 މެޗުން ލިބުނު 11 ޕޮއިންޓާއެކުއެވެ. ބެޓިސް 7 ވަނައިގައި އޮތީ ނުވަ މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ބާސާއާ ވާދަވެރި އަދި އެންމެފަހުގެ ޗެމްޕިއަން ރެއާލް އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ 17 ޕޮއިންޓާއެކު ރެއާލް ސޮސިއެޑާޑެވެ.