ދަރިވަރުންގެ ފޮތްތަކުން ގުރްއާންގެ އާޔަޔްތައް އުނިކުރުމަކީ ރަނގަޅު ގޮތް ނޫންކަން ވިސްނި، އެކަން ކުރުމަށް އަންގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)އަށް ފޮނުވި ސިޓީ ފަހުން ބާތިލްކޮށްފައިވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ގްރޭޑް 1 އާއި 12 އާއި ދެމެދު ކިޔަވާ ދަރިވަރުންގެ ފޮތްތަކުން ގުރްއާންގެ އާޔަތްތައް އުނިކުރަން އަންގާފައިވާކަމަށް ބުނެ އެފަދަ ވާހަކަތަކެއް ސޯޝަލް މީޑީޔާގައި ވަނީ ފެންމަތިވެފައެވެ. އެހެންނަމަވެސް، އެޑިޔުކޭޝަންއިން އެވާހަކަތަށް ދޮގުކުރި ފަހުން ގުރްއާންގެ އާޔަތްތައް ދަރިވަރުންގެ ފޮތްތަކުން އުނިކުރުމަށް އެދި އެޑިޔުކޭޝަން މިނިސްޓްރީއިން އެންއައިއީއަށް ފޮނުވި ސިޓީއެއް ވަނީ ދައުރުވާން ފަށާފައެވެ.

އެސިޓީގައި ވަނީ ދަރިވަރުންގެ ފޮތްތަކުގައިވާ ގުރްއާންގެ އާޔަތްތައް އުނިކޮށް އޭގެ ބަދަލުގައި ސޫރަތުގައި ނަމާއި އާޔަތުގެ ނަމްބަރު ޖެހުމަށް އެންއައިއީއަށް އަންގާފައެވެ. އަދި ދަރިވަރުންގެ ފޮތުގައި ދީފައިވާ ރިފަރެންސްއަށް ބެލުމަށްފަހު ސޫރަތް ކިޔަވާނީ ހަތިމް ނުވަތަ އަންމާފޮތް ބަލައިގެންކަމަށް އެސިޓީގައިވެއެވެ.

ސިޓީ ދައުރުވާން ފެށުމާއެކު މިއަދު ހެނދުނު އެޑިޔުކޭޝަން މިނިސްޓްރީއިން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، މިކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ޚަތިމަށް ނުވަތަ އަންމާފޮތަށް ރިފަރެންސް ދިނުމަށްމަޝްވަރާކުރެވުނު ކަމަށެވެ. އަދި މިކަން ބަޔާންކޮށް އެންއައިއީއަށް ސިޓީއެއްފޮނުވާފައިވާނެ ކަމަށާއި މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތުގައި ނޫންކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި މި ފޮތްތައް ނައްތާލާއިރު ޤުރުއާނަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީކަމަށް އެޑިޔުކޭޝަންއިން ބުނެއެވެ.

ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ އަންމާފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެތީ އެސިޓީއަށް އަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެންއައިއީއަށް އަންގާފައިކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެއެވެ. އަދި ކުރިން ފޮނުވި ސިޓީ ވާނީ ބާތިލްކޮށްފައިކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިންގ އިތުރަށް ވަރުގަދަ ކުރުމަށް ނިންމާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެއެވެ. އަދި މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާ އިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރު ކުރަންވެސް އެންއައިއީއަށް އަންގާފައިވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެއެވެ.