އިނގިރޭސި ޕްރިމިއަރ ލީގުގައި ޖެހިޖެހިގެން ފަނަރަ މެޗުގައި ލަނޑު ޖެހުމުގައި ޝާމިލް ވެގެން ލެސްޓަރ ސިޓީގެ ފޯވާޑް ޖިމީ ވާޑީ ހަދާފައިވާ ރެކޯޑާ ލިވަޕޫލްއަށް ކުޅެމުންދާ މިސްރުގެ ނުރައްކާތެރި ފޯވާޑް މުހައްމަދު ސަލާހް އެއްވަރުކޮށްފިއެވެ.
ޖެހިޖެހިގެން 15 މެޗުގައި ލަނޑު ޖެހުމުގައި ޝާމިލް ވެގެން ވާޑީ ރެކޯޑް ހެދީ 16-2015 ސީޒަނުގައެވެ. އެސީޒަނުގައި މުޅި ދުނިޔެ ސިއްސުވާލުމަށްފަހު ލެސްޓަރ ސިޓީން ވަނީ ބޮޑެތި ކްލަބުތަކަށް ގޮންޖަހާލުމަށްފަހު ޕްރިމިއަރ ލީގް ކާމިޔާބު ކޮށްފައެވެ. ވާޑީގެ ރެކޯޑާ ސަލާހް ހަމަކުރީ ރޭ ނިއުކާސަލް އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗުގައި ލަނޑު ޖަހައިގެންނެވެ.
ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުގައި ސަލާހް ވަނީ 15 ލަނޑު ކާމިޔާބުކޮށް 8 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ލިވަޕޫލްގެ ތާރިހުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖެހުމުގެ ރެކޯޑް އޮތް ސަލާހަށް ވާޑީގެ ރެކޯޑް މުގުރާލުމަށް މިހާރު ބޭނުން ވަނީ ރަށުން ބޭރުގައި އަންނަ އާދިއްތަ ދުވަހުގެ ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ ކުޅޭ މެޗުގައި ލަނޑެއް ޖެހުން ނުވަތަ ލަނޑެއް ޖެހުމަށް މަގުފަހިކޮށްދިނުމެވެ.
މިދިޔަ ސީޒަނާއި މިސީޒަނުގައިވެސް ލިވަޕޫލް އާއި މިސްރުގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަނަމަވެސް ފީފާއިން އެންމެފަހުން އިއުލާން ކުރި އެއިދާރާއިން ހޮވި މިއަހަރުގެ އެންމެ މޮޅު 23 ކުޅުންތެރިންގެ ލިސްޓުގައިވެސް ސަލާހްގެ ނަން ހިމަނާފައެއް ނުވެއެވެ.