ފުވައްމުލަކުގެ ވަށައިގެންވާ ނެރުތައް ބައްދައި ނިމިފައިވާ ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރ އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ.

އިސްމާއީލް ވިދާޅުވީ ޖުމްލަ 8 ނެރުގެ ތެރެއިން ކުރީން ވަނީ 4 ނެރެއް ބައްދާފައި ކަމަށެވެ. ބާކީ 4 ނެރުވެސް މިހާރުވަނީ ބައްދައި ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ނެރުތައް ބެއްދުމުގެ މައިގަނޑު ބޭނުމަކީ މޫދަށް ފައިބައިގެން އުޅޭ މީހުން އެ ނެރުތަކުން އޮޔާ ބޭރަށް ދައިގެން ގޮސް މަރުވުން ފަދަ ހާދިސާތައް ކުރިމަތިވަމުންދާތީއެވެ. "ނެރުތައް ބެއްދުމުން އިރާދަކުރެއްވިއްޔާ މޫދަށް ގޮސް އުޅޭ މީހުންނަށް މިހާރު ވަރަށްބޮޑު ރައްކާތެރި ކަމެއް ލިބިގެންދާނެ،" މޭޔަރު ވިދާޅުވިއެވެ.

ފުވައްމުލަކަކީ ވަށައިގެން ރާޅުއަރާ ސިޓީއެކެވެ. އެރަށުގައި ބަނދަރެއްނެތް ޒަމާނުގައި ރަށަށް އަރައިފޭބުމުގެ ތެރޭގައި ވެސް ވަނީ އެތައް ބައެއްގެ ފުރާނަ ގެއްލިފައެވެ. އެހެންނަމަވެސް ރައީސް މައުމޫންގެ ސަރުކާރުގައި ހެއްދެވި ބަނދަރާއި ރައީސް ނަޝީދުގެ ސަރުކާރުން ހެއްދެވި ވައިގެ ބަނދަރުގެ ސަބަބުން އެ ބިރުވެރިކަން ވަނީ ފިލައިގޮސްފައެވެ.