ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑެތި މައްސަލަތައް މިހާރުގެ ސަރުކާރަށް ވެސް އަދި އޭގެ ކުރީ ސަރުކާރުތަކަށް ވެސް ހައްލުކޮށްދެވިފައި ނުވާކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ މި ސަރުކާރުން ފާއިތުވި ތިން އަހަރަކީ ވެސް އެހެން ސަރުކާރުތަކޭ އެއްކަހަލަ ގޮތުގައި ނިމިގެންދިޔަ ތިން އަހަރު ކަމަށެވެ.

"ދިވެހިރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ އައިއްސުރެން ދިވެހިރައްޔިތުން އުންމީދު ކުރަނީ އެމީހުންނަށް ދިމާވެފައިހުރި އެންމެ ބޮޑެތި މައްސަލަތައް ހައްލުކޮށްދޭނޭ ބަޔަކު ހޯދުމަށް،" ޢުމަރު ވިދާޅުވިއެވެ.

އެމައްސަލަތަކަކީ ވެސް ކޮބައިކަން އޭނާ ވަނީ ވިދާޅުވެ ދެއްވައިފައެވެ. އޭގެތެރޭގައި ގޯތިގެދިރުގެ މައްސަލައާއި، މަސްތުވާތަކެއްޗާއި ކުށްކުރުމުގެ މައްސަލަތަކާއި ދައުލަތުގެ ތެރޭގައިހުރި ކޮރަޕްޝަންގެ މައްސަލަތަކާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތަކާއި ޓެކްސްތައް ބޮޑުވަމުންދާ މައްސަލަތަކާއި ސިޔާސީ މީހުންގެ މުސާރަތައް ބޮޑުވެފައި އެހެންމީހުންގެ މޫސަރަ ކުޑަ މައްސަލަ ފަދަ އެތައް ކަމެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ބަދަލު ގެންނަން ބޭނުންވަނީ މިދާއިރާތަކަށް ކަމަށްވިޔަސް "މިތަނުން އެއްވެސް އޭރިއާއަކަށް އެކަށީގެންވާ ވަރުގެ ބަދަލެއް މިސަރުކާރަށް ވެސް ކުރީގެ ސަރުކާރުތަކަށް ވެސް ގެނެވިފައެއް ނެތް،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ސަރުކާރުތަކާއި މޫނުތައް ބަދަލުވިޔަސް ރައްޔިތުންގެ ހާލަތު ބަދަލު ނުވާކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އޭނާ ހޮއްވަވައިފި ނަމަ ތަފާތު ދައްކަވާނެ ކަމަށެވެ.