މޮނިޓަރިން ހާލަތުން އައްޑޫސިޓީ ނަގައިދިނުމަށް އެދި އައްޑޫސިޓީ ކައުންސިލުން އެޗުޕީއޭގައި އެދިވަޑައިގެންފިއެވެ. ހެނަސް އެކަމާބެހޭ ގޮތުން އެޗުޕީއޭ އިން މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަމަށް ސިޓީކައުންސިލުން ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މޮނިޓަރިން އުވައިދިނުމަށް އެދި އެޗުޕީއޭއަށް ދެންނެވީ އައްޑޫގެ ކޮވިޑްގެ ހާލަތަށް ބެއްލެވުމަށްފަހު ރަނގަޅުވަމުން އަންނަކަން ކޮވިޑް ޓާސްކް ފޯހަށް ވެސް ފެންނާތީ ކަމަށެވެ.

އައްޑޫގައި އަޅައިފައިވާ ރައްކާތެރި ކަމުގެ އެއްވެސް ފިޔަވަޅަކަށް އެއްވެސް ބަދަލެއް އަދި ގެނެސްފައި ނުވާކަމަށް ވެސް ސިޓީކައުންސިލުން ވިދާޅުވިއެވެ. ކޮވިޑް ހާލަތުން އަރައިގަތުމަށް އައްޑޫ ސިޓީންގައި ވަނީ އެއްގެއިން އަނެއްގެއަށް ދިއުން މަނާ ކޮށްފައެވެ. އޭގެ އިތުރުން ރޭގަނޑު 9 އިން ފެށިގެން ފަތިހު 4 އަށް ގެއިންބޭރަށް ނުކުތުން ވެސް ވަނީ މަނާ ކޮށްފައެވެ.