އިސްލާމްއާބާދުގައި ބޭއްވި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ނިންމާލައިފިއެވެ. އަފްޣާނިސްތާނަށް އެހީ ވެދިނުމަށް ޕާކިސްތާނުން އިސްނަގައިގެން ބާއްވާފައިވާ މި ބައްދަލުވުމުގައި އަފްޣާނިސްތާނަށް އެހީވުމަށް ގައުމުތަކުން އެއްބަސްވެ ފަންޑެއް ހުޅުވުމަށް ނިންމާފައި ވެއެވެ. އަދި އަފްޣާނިސްތާނަށް އެހީވެ ދިނުމުގައި އިސްކޮށް އުޅޭނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު ކަމަށްވެސް އެއްބަސްވިއެވެ.

އަފްޣާނިސްތާނަށް ޚާއްސަކުރާ މިފަންޑުން ފައިސާ ދޫކުރަން ފަށާނީ އަންނަ އަހަރުގެ ކުރީ ކޮޅުގައެވެ.

އޯއައިސީގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އަފްޣާނިސްތާނަށް ގޮވާލާފައި ވަނީ ބައިނަލްއަގްވާމީ އުސޫލުތަކަށް އެގައުމުން ބޯލަނބާލައި އެ އުސޫލުތަކަށް އިހުތިރާމް ކުރާށެވެ. އެގޮތުން އަންހެނުން ގެ ހައްގަށާއި އަންހެން ކުދިންގެ ހައްގަށް އަދި އިންސާނީ ހައްގަށް އިހުތިރާމް ކުރުމަށް ގޮވާލިއެވެ.

އޯއައިސީގެ މި ބައްދަލުވުމުގައި އަފްޣާނިސްތާންގެ ތާލިބާން ސަރުކާރަށް އެއްވެސް ބުރަދަނެއް ދީފައެއް ނުވެއެވެ. އަދި އޯއައިސީގެ ފޮރިން މިނިސްޓަރުން ބޭއްވެވި ގްރޫޕް ފޮޓޯގައި ތާލިބާންގެ ފޮރިން މިނިސްޓަރަށް ބައިވެރިވުމަށް ފުރުސަތެއްވެސް ނުދެއެވެ.