އެމްޓީސީސީން ދެން މިސްރާބު ޖަހަންވީ ބައިނަލްއަގުވާމީ ޕްރޮޖެކްޓުތަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމް.ޓީ.ސީ.ސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ހެންވޭރު ދަނޑުގައި މިރޭ ބޭއްވެވި މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ އެމްޓީސީސީގެ އަމާޒު މުޅިން އެހެން މިސްރާބަކަށް ބަދަލުކުރަންވީ ވަގުތު ކަމަށާއި އެގޮތުން ރަށްތަކުގެ މަގު ހެދުމާއި، އެއް ރަށް އަނެއް ރަށް ކަނޑުމަގުންނާއި ބްރިޖާއި ކޯޒްވޭތަކުން ގުޅާލުން ފަދަ ކަންކަމަށް އެމްޓީސީސީ ތައްޔާރުވާންޖެހޭ ކަމަށެވެ.

އެގޮތުން ޒަމާނީ ޓެކްނޮލޮޖީ އާއި ތަމްރީނާއި ތަޖުރިބާ ހޯދައިގެން އެމްޓީސީން މިކަމަށް ތައްޔާރުވާންޖެހޭ ކަމަށާއި މިކަމުގައި އެމްޓީސީސީގެ އިސްވެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެމްޓީސީސީގެ އަމާޒަކަށް ދެން ވާންވީ ބައިނަލްއަގުވާމީ ޕްރޮޖެކްޓުތަކަށް މިސްރާބު ޖެހުން. އެކަމުގެ ހިޔާލު ވެސް ކުންފުނީގައި ގެންގުޅުއްވާތީ އެކަމަށްޓަކާ ކުންފުނީގެ ހިންގުންތެރިންނަށް ޝުކުރު އަދާކުރަން" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން އެމް.ޓީ.ސީ.ސީ އަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވެ ޚާއްޞަކޮށް ރަށްރަށުގެ ޢުމްރާނީ ތަރައްޤީގެ އެންމެ މުހިންމު ބައިވެރިޔާއޭ ދެންނެވިދާނެކަމުގައި ރައީސް ވިދާޅުވެފައެވެ. މިގޮތުން، އެމް.ޓީ.ސީ.ސީއަކީ ރާއްޖޭގެ ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ކުންފުންޏެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ރައީސް ވަނީ ހައި ސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް، މިއަހަރުގެ ކުރީކޮޅު ސަރުކާރުން އެމް.ޓީ.ސީ.ސީއާ ބޮޑު މަޝްރޫޢެއް ޙަވާލުކޮށްފައިވާކަން ހާމަކުރައްވައި، އެ މަޝްރޫޢުގެ ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ މެދުގައި، ފެރީގެ ޚިދުމަތް ފެށުމަށް، އެމް.ޓީ.ސީ.ސީ އިން ތައްޔާރުވަމުންއަންނަ ކަމަށާއި، މިފަދަ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން، ވަޒީފާގެ އެތައް ބައިވަރު ފުރުޞަތުތަކެއް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުޅުވިގެންދާނެކަން ފާހަގަކުރައްވާފައެވެ.

ޤައުމުގެ ހިންގުންތެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި އެމް.ޓީ.ސީ.ސީއަކީ ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ ކުންފުނިން ހިންގާ ހުނަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން، ތިން އަހަރުގެ ތެރޭގައި 100 މީހުން ތަމްރީންކުރަން އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ.