މިއަދު އަޅުގަނޑުމެންނާ ވަކިވެގެން އެދިޔައީ ޚިދުމަތްތެރިއެކެވެ. ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރެވެ. އެމަނިކުފާނު އަވަހާރަވުމަކީ ގައުމަށް ވެސް ލިބުނު ބޮޑު ހިތާމައެކެވެ. އެމަނިކުފާނުގެ ޚިދުމަތުގެ ތެރެއިން އެންމެފަހު ހަނދާނެއްގެ ގޮތުގައި ދޫކުރެއްވީ ފުވައްމުލަކު ސިޓީގައި އަމިއްލަ ޚަރަދުގައި ބިނާ ކުރެއްވި މަސްޖިދުއްސިއްދީގެވެ. އެ މިސްކިތުގެ އިތުރުން އެމަނިކުފާނުގެ ހަނދާންތައް ދެމިގެންދާނޭ އެތައް ކަމެއް މި ފަސްގަނޑުން ފެންނާން އެބަހުއްޓެވެ.
އެމަނިކުފާނު އަވާހަރުވުމުގެ ހިތާމަ އެމްއާރުމުން ވެސް ދެންދަވަނީ ފާޅުކުރަމުންނެވެ. އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލްމަރްޙޫމް ޢުމަރު ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް ދައުލަތުގެ އެކި ފަންތީގެ 26 މަޤާމެއްގައި އިޚުލާސްތެރިކަމާއިއެކު މަސައްކަތްކޮށްދެއްވި ޚިދުމަތްތެރިއެއް ކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު އަވަހާރަވުމާއި ހަމައަށް އެމަނިކުފާނު ވަނީ އިޖުތިމާޢީ ގޮތުންނާއި ފަރުދީ ގޮތުން މުޖުތަމަޢުއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އަވަހާރަވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންވެސް، އެމަނިކުފާނު ވަނީ އަމިއްލަފުޅު ޚަރަދުގައި ފުވައްމުލައް ސިޓީގައި މިސްކިތެއް ބިނާކޮށްދެއްވައި، މިސްކިތް ހުޅުއްވައިދެއްވާފައެވެ.
އޭގެ އިތުރުން، ދައުލަތުގެ އެކި މަޤާމުތައް އަދާކުރައްވާފައިވާ އަލްމަރްޙޫމް ޢުމަރު ޒާހިރު ވަނީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްގެ މަޤާމާއި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަޤާމާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްގެ މަޤާމާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުގެ މަޤާމުވެސް އަދާކުރައްވާފައެވެ.
ހަމަ އެހެންމެ، ރާއްޖޭގައި ހިންގި ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކުގައި އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން މާލޭގެ މަގު ހެދުމުގެ މަޝްރޫޢާއި މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢާއި ހުޅުމާލެ ހިއްކުމުގެ މަޝްރޫޢާއި ތިލަފުށީގެ މަޝްރޫޢު ފަދަ ބޮޑެތި މަޝްރޫޢުތަކަކީ ސީދާ އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ހިންގެވި ބޮޑެތި މަޝްރޫޢުތަކެވެ. މީގެ އިތުރުން ސަރުކާރުން ވަކިވެވަޑައިގެންނެވުމުގެ ފަހުންވެސް، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި އެކި ސަރުކާރުތަކުން ވަނީ އެމަނިކުފާނުގެ ލަފާފުޅު ހޯއްދަވާފައި ކަމަށް ވެސް އެމްއާރުއެމުން ބުނެފައިވެއެވެ.
އަދި ހަމަ އެހެންމެ، އަލްމަރްޙޫމް ޢުމަރު ޒާހިރަކީ އެމް.އާރް.އެމް އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެން، މި ޕާޓީއަށްވެސް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން ޕާޓީގެ އިންތިޤާލީ މުއްދަތުގައި ޕާޓީގެ އިންތިޤާލީ ރައީސަށް މަޝްވަރާ ދެއްވާ މަޖިލީހުގައި ޚިދުމަތްކުރައްވައި، ޕާޓީ ބައްޓަން ކުރުމަށާއި، ޕާޓީގެ އަސާސްތައް އެކުލަވާލުމަށާއި އަދި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އެމަނިކުފާނުގެ ތަނަވަސް ތަޖުރިބާއިން ޚިޔާލާއި މަޝްވަރާ ދެއްވި ކަމަށް ވެސް އެމްއާރުއެމްގެ ބަޔާނުގައިވެއެވެ.
އެމްއާރުއެމުން ބުނެފައިވަނީ "ދިވެހި ދައުލަތަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، މި ޕާޓީގެ މެންބަރު، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ޢުމަރު ޒާހިރު އަވަހާރަވުމަކީ ދިވެހި ޤައުމަށާއި މި ޕާޓީއަށް ލިބުނު ފޫ ނުބެއްދޭވަރުގެ ހިތާމައެކެވެ. އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން މި ޕާޓީގެ ޒަޢީމް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ) އާއި، މި ޕާޓީގެ ރައީސް، އޮނަރަބަލް ފާރިސް މައުމޫން އަދި މި ޕާޓީގެ ލީޑަރޝިޕާއި މެންބަރުންގެ ނަމުގައި އަލްމަރްޙޫމް ޢުމަރު ޒާހިރުގެ ޢާއިލާއަށް އިޚުލާސްތެރިކަމާއިއެކު ތަޢުޒިއާ ދަންނަވަމެވެ."
"މާތް ﷲ އަލްމަރްޙޫމު ޢުމަރު ޒާހިރުގެ ފާފަ ފުއްސަވައި، ފުރާނަފުޅަށް ހެޔޮ ރަޙުމަތް ލައްވައި، އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އާމީން."