ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު މި ފަނާވަނިވި ދުނިޔޭ ވަކިވެވަޑައިގެންނެވީއެވެ. އެމަނިކުފާނުގެ ޚިދުމަަތަށް ޝުކުރުވެރިވާ އެތައް ބައެއްގެ ލޯތައް ކަރުނުން ތެންމަމުންނެވެ. މި ލޮބުވެތި ދިވެހި ފަސްގަނޑަށް ފަޅުކަން ގެނެވަމުންނެވެ.
އެމަނިކުފާނު ވަކިވެވަޑައިގެންފިއެވެ. އެހެނެސް އެ ހަނދާންތަކާއި އެޚިދުމަތްތައް އަދިވެސް ފެންނާން އެބަހުއްޓެވެ. އެ މަނިކުފާނުގެ ޚިދުމަތް ރާއްޖެއަށް ނުލިބޭ ދާއިރާއެއް ނެތޭ ވެސް ދެންނެވިދާނެއެވެ. ކުޅިވަރުގެ ދާއިރާއަށް ބެއްޔަސް ނުވަތަ އިޖުތިމާޢީ، ގައުމީ އެންމެހައި ކަންކަމުގައި އެންމެ ފަހުވަގުތާ ޖެހެންދެން ވެސް އެއްވެސް ވަރުބަލިކަމެއް ނެތި ހީވާގިކަމާ މުރާލިކަމާއެކު އުޅުއްވި އެވެ.
އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1936 ވަނަ އަހަރު އޮކްޓޯބަރ 26 ވަނަ ދުވަހުއެވެ. މަރްހޫމް އުމަރު ޒާހިރު މިދުނިޔެ ދޫކުރެއްވީ ކޮވިޑް އާލާސްކަންފުޅަށް ފަރުވާ ކުރައްވަމުން ގެންދަވަނިކޮށް 2021 ވަނަ އަހަރު ޑިސެމްބަރު 20 ވަނަ ދުވަހުއެވެ.
ޢުމަޒު ޒާހިރު އަދާކުރައްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި ދާޚިލިއްޔާގެ މަޤާމުތައް، އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ، މަޖީދިއްޔާސްކޫލުގެ ހެޑްމާސްޓަރކަން، ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ، ބަނޑޮސް ރިސޯޓްގެ މެނޭޖަރ (ސަރުކާރުގެ ވަޒީފާއެއް ނޫން)، އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމާއި މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ ނައިބުގެ މަގާމު ވެސް ހިމެނެ އެވެ.
މީގެ އިތުރުން މާލޭ މުނިސިޕަލްޓީގެ ރައީސް ކަމާއި (1980-1993)، މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސަރވިސަސް 1983-1988 (ދާޚިލީ އަދި އިޖުތިމާޢީ ޚިދުމަތްތައް، ފެންޝަން، ސޯޝިއަލް ވެލްފެއަރ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން، ތިމާވެށި ރައްކާތެރިކުރުން، މިނޫން ވެސް އިޖުތިމާޢީ ކަންކަމާބެހޭ ވަޒީރު)– މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް 1988-1993 (ދާޚިލީ ވަޒީރު އަދި ކުޅިވަރާބެހޭ ފުރަތަމަ ވަޒީރު)– މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް 1993-2004– މިނިސްޓަރ އޮފް ހޯމް އެފެއާޒް 2004-2005(ދާޚިލީ އަދި ފުލުހުންގެ ވަޒީރު)– ސީނިއަރ މިނިސްޓަރ 2005-2008 (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް) ވެސް ހިމެނެ އެވެ.
އެމަނިކުފާނު ދިވެހި ގައުމަށް ކުރެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 1960ގެ އަހަރުތަކުގައި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ އިސްސަފުގައި ހަރަކާތްތެރިވުމާއި މަޖީދިއްޔާގައި ޢިލްމީ އަޚްލާޤީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުމާއި މާލޭގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަސައްކަތްތައް/ މާލޭ މަގުހެދުމުގެ މަޝްރޫޢު މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢު އާއި ހުޅުމާލެ މަޝްރޫޢު އަދި ކުނިނައްތާލުމުގެ މަޝްރޫޢު ފަދަ ބޮޑެތި މަސައްކަތްތައް ހިމެނެ އެވެ.
މީގެ އިތުރުން ތިލަފުށި ހިއްކުމާއި އެކަމާގުޅޭ އެންމެހައި މަސައްކަތްތައްތަކާއި ފުވައްމުލަކު ބަނދަރުގެ މަޝްރޫޢު އާއި ރަށްރަށުގެ ބަނދަރުގެ މަސައްކަތްތަކާއި ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި އެންމެގަދަވި ރަންޒަމާނުގެ ހިންގުންތެރި ވަޒީރުކަން ކުރެއްވުން ވެސް ހިމެނެ އެވެ. އަދި އެ ދުވަސްވަރު ކުޅިވަރު ކުޅުންތެރިންގެ އަޚުލާގު ހިފެހެއްޓުމަށް ކުރެއްވި ބުރަ މަސައްކަތްތަކަކީ ވެސް ފާހަގަކޮށްނުލާ ދޫކޮށްލާވަރުގެ މަސައްކަތްތަކެއް ނޫނެވެ. 1953އިން ފެށިގެން 2008ވަނަ އަހަރާހަމައަށް ސަރުކާރުގެ އެކި ފަންތީގެ 26 މަޤާމެއް ފުރުއްވާފައިވެއެވެ. ޢުމަރު ޒާހިރަށް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ލަޤަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ.
ރާއްޖޭގެ ތަރައްގީއަށް ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއްކޮށްދެއްވާފައިވާ ޢުމަރު ޒާހިރު ވަނީ 1983ވަނަ އަހަރުން ފެށިގެން 1988ވަނަ އަހަރާ ހަމަޔަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެންޑް ސޯޝަލް ސާރވިސަސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި 1988އިން ފެށިގެން 1993ވަނަ އަހަރާއި ހަމަޔަށް ޢުމަރު ޒާހިރު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަޤާމު އަދާކުރައްވާފައެވެ. ރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީވެސް އެމަނިކުފާނެވެ. ޢުމަރު ޒާހިރު ވަނީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގައި ބޮޑު ހިއްސާއެއް އަދާކުރައްވާފަ އެވެ. ޚާއްސަކޮށް ގިނަ މަސައްކަތްތައް ހިނގަމުން ދިޔަ އިރު، އެ މަސައްކަތެއް ކުރާ ސަރަހައްދަކަށް ވަޑައިގެން އެކަންކަން ހިނގަމުންދާ ގޮތް ބައްލަވާފައި ވެއެވެ. އެގޮތުން މާލޭގެ މަގު ހެދުމުގެ މަޝްރޫއާއި އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢުއާއި ހުޅުމާލެ ހިއްކުމުގެ މަޝްރޫއާއި ތިލަފުށީގެ މަޝްރޫއު ފަދަ ބޮޑެތި ބައެއް މަޝްރޫޢުތަކަކީ ވެސް ޢުމަރު ޒާހިރުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގެވި ބޮޑެތި މަޝްރޫޢުތަކެވެ. އަދި މަސައްކަތް ކުރާ ގިނަ ވަގުތު އެތަނުގައި ހުންނަވާ އެހެން މީހުންނަށް ވަނީ ނަމޫނާ ދައްކަވާފަ އެވެ.
މަރްހޫމް ޢުމަރު ޒާހިރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލައްވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!