އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް އައްޑޫސިޓީން ކޮވިޑް-19 ގެ އެންމެ ކޭހެެއް ވެސް ނުފެންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މި މުއްދަތުގައި އައްޑޫއިން ވަނީ 107 ސާމްޕަލް ޓެސްޓްކޮށްފައެވެ. މިއީ 4 މަހާއި 10 ދުވަސްތެރޭގައި އެންމެ ކޭހެއް ވެސް ނުފެނި ދިޔަ ފުރަތަމަ ދުވަހެވެ.

މިހާތަނަށް އައްޑޫސިޓީން ވަނީ ޖުމްލަ 36034 ސާމްޕަލް ނަގައިފައެވެ. އޭގެތެރެއިން ޕޮޒިޓިވެފައިވަނީ 2937 ސާމްޕަލެވެ. ޕޮޒިޓިވްވި ޖުމްލަ މީހުންގެެ ތެރެއިން 2872 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އެ ސިޓީގެ މިހާރުގެ އެކްޓިވް ކޭސްގެ އަދަދު ވެސް ވަނީ 53 އަށް މަދުވެފައެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިވަގުތު ސިޓީގައި ތިބީ 51 މީހެކެވެ.

އައްޑޫގެ އެކްޓިވް ކޭސްގެ ތެރެއިން ހިތަދޫގައި މިހާރު ތިބީ 44 މީހެކެވެ. ފޭދޫގައި 2 މީހެކެވެ. މަރަދޫގައި 5 މީހެކެވެ. މީދޫގައި 2 މީހެކެވެ. ބަލީގައި މިހާތަނަށް އައްޑޫއިިން ނިޔާވެފައިވަނީ 12 މީހެކެވެ. ފެސިލިޓީގައި އެޑުމިޓް ކޮށްގެން ފަރުވާދެމުންދާ މީހަކު މިވަގުތު ނެތެވެ.

އައްޑޫ މޮނިޓަރިން އުވާލައިދިނުމަށް ސިޓީކައުންސިލުން ވަނީ އެޗުޕީއޭގައި އެދިފައެވެ. އެހެންނަމަވެސް އަދިވެސް އެތަނުން ޖަވާބެއް ދެއްވާފައެއް ނުވެއެވެ.