ފަރެސްމާތޮޑާ އިޖުތިމާއީ ސަރަހައްދު ސާފުކޮށްދީ ބަލަހައްޓައިދޭނޭ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން މިއަދު ބުނެފައިވަނީ އިޖުތިމާއީ ސަރަހައްދު ސާފުކުރުމަށް ބޭނުންވަނީ 20 މީހުން ކަމަށެވެ. އެއިން ކޮންމެ މީހެއްގެ މަހު މުސާރައަކީ 2000 ރުފިޔާ ކަމަށް ވެސް ބުނެފައިވެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރ 23 ވަނަ ދުވަހު 1:30 ގެ ކުރީން ރަށުކައުންސިލް އިދާރާއަށް އައިސް މައުލޫމާތު ސާފު ކުރުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި ޑިސެމްބަރ 29 ވަނަ ދުވަހުގެ 1:30 ގެ ކުރިން އެކަމަށް ޝައުގުވެރިކަން ހުރިކަމަށް ބަޔާންކޮށް ކައުންސިލަށް ސިޓީފޮނުވުމަށް ވެސް އެދިފައިވެއެވެ.

މި މަސައްކަތަށް ކަނޑައެޅިފައިވާ އަދަދު (20) އަށްވުރެ ގިނަ މީހުން ކުރިމަތިލައިފި ކަމަށްވާނަމަ 20 މީހުން ހޮވާނީ ގުރުއަތުންނެވެ. އެކަމުގެ މައުލޫމާތު ސާފުކުރަން ރަށުކައުންސިލްގެ އިދާރާއަށް ހާޒިރު ނުވާ މީހުންގެ ސިޓީ ބަލައިނުގަނެވޭނޭ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

ފަރެސްމާތޮޑާއަކީ އިޖުތިމާއީ ކަންކަމުގައި އެންމެން ގުޅިގެން މަސައްކަތް ކުރަމުންދާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެކެވެ. އިޖުތިމާޢީ ކަންކަން ރަނގަޅުކޮށް ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރުވެސް އެރަށުގައި ދަނީ ކުރެވެމުންނެވެ.