ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފ. ނިލަންދުއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ލީޑުކުރައްވާ ޕީޕީއެމުން ބުނެފިއެވެ.

ޕީޕީއެމުން ބުނެފައިވަނީ ރައީސް ޔާމީން ނިލަންދުއަށް ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. މިދަތުރުފުޅަކީ އެރަށުގައި "އިންޑިއާ އައުޓު" ކެންޕޭންގެ ހަރަކާތްތައް ހިންގުމަށް ކުރައްވާ ދަތުރުފުޅެކެވެ. ބުރާސްފަތި ދުވަހު ހަވީރު އެރަށުގައި ބާއްވާ މި ކެންޕޭނާ ގުޅޭ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އޭގެ އިތުރުން އެރޭ ބާއްވާ ޖަލްސާގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މާލޭގައި ފެށި މި ކެންޕޭން މިހާރުވަނީ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ރަށްރަށަށް ވެސް ފުޅާކުރައްވައިފައެވެ. އެގޮތުން މީގެ ކުރިން އެމަނިކުފާނު ވަނީ ބައެއް ރަށްރަށަށް ވަޑައިގެން މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

ޕީޕީއެމްގެ މި ހަރަކާތަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކަންކަން ފޮރުވުމަށް ކުރާ ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ އިންޑިއާ އައުޓު ކެންޕޭނަކީ ޖަރީމާއެއް ކަމަށެވެ. އެހެނަސް އެއްވެސް ގައުމެއްގެ މިލިޓަރީ ރާއްޖޭގައި ތިބުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.