ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ އެއްގަމުތޮށި ލުމާއި، 300 މީޓަރުގެ ސްކައުރިންގ އޭޕްރަންއެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައިޕޭވްމަންޓް ހެދުމާއި، 26 މީޓަރު ދިގުމިނުގެ 2 މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 38.41 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 62 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 34 މަޝްރޫޢަކީ ބަނދަރު ހެދުމުގެ މަޝްރޫއެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ބަނދަރު ހެދުމުގެ 23 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.