ކ. ގުޅީގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއިން ތައްޔާރުވާން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ އެ ޚިދުމަތްތައް ދިނުމަށް ތައްޔާރުވުމަށްޓަކައި، އެ ޚިދުމަތްތަކަށް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިއަދު ކުރައްވާފައިވާ ކަމަށެވެ. ގުޅީގެ ބަނދަރުމަތީ ފިނިއަށި ސަރަހައްދުގައި މިއަދު ހަވީރު 15:00 އާ ހަމަޔަށް އެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި ރަޖިސްޓްރީ ވެފައިނުވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ސްޓެލްކޯއަކީ ޔުޓިލިޓީ ޚިދުމަތްދޭ ސަރުކާރުގެ އެންމެ ދުވަސްވީ އެންމެ ބޮޑު އެއް ކުންފުންޏެވެ. މިހާރުވެސް އެކުންފުނީން ހަ ރަށަކަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. އިތުރު ރަށްރަށަށް ޚިދުމަތް ދިނުމަށް ވެސް އެކުންފުނީން ގެންދަނީ ތައްޔާރު ވަމުންނެވެ.