ފެނަކަކޯޕަރޭޝަނުން ނ. މިލަދޫ ހެލްތު ސެންޓަރަށް 6 އެއާކޮންޑިޝަނާއި 2 ކޮމްޕިޔުޓަރ ހަދިޔާ ކުރައްވައިފިއެވެ.

ފެނަކައިން ވިދާޅުވެފައިވަނީ މިއީ އެކުންފުނީގެ ސީއެސްއާރު ގެ ދަށުން ދެއްވި އެއްޗެއް ކަމަށެވެ. މިލަދޫ ސިއްޙީމަރުކަޒުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ސީނިއަރ އެޑްމިނިސްޓްރޭޓަރ އިލްޔާސް ޢަބްދުއްޞަމަދެވެ.

ފެނަކައަކީ ސީއެސްއާރުގެ ދަށުން މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ އެއްކުންފުންޏެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެގެންދިޔަ ވަގުތުގައި ވެސް އެކުންފުނީގެ މެނޭޖުމެންޓާއި މުވައްޒަފުންތިބީ އެކި ގޮތްގޮތުން ސަރުކާރާއި މީހުންނަށް އެހީވުމަށް އެންމެ ކުރީސަފުގައެވެ. އެގޮތުން ވާރެއާއި އަތްވަކަށް ނުބަލައި އެކި ސަރަހަދުތަކުގައި ފެސިލިޓީސްތައް ހެދުމުގައި ވެސް އެކުންފުނީގެ އެތައް މުވައްޒަފަކު ވަނީ ބޮޑެތި ގުރުބާނީތަކެއް ވެފައެވެ.