އެމެރިކާގެ ދީނީ މިނިވަންކަން މޮނީޓާ ކުރާ ކޮމިޝަންގެ ހަތަރު މެންބަރަކާ މެދު ޗައިނާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. ޗައިނާއިން ވަނީ އެމެރިކާގެ އިންޓަރނޭޝަނަލް ރެލިޖަސް ފްރީޑޮމް ކޮމިޝަންގެ ހަތަރު މެމްނަބރުން ޗައިނާއާއި މެކާއޯއާއި ހޮންގކޮންގއަށް ވަނުން މަނާ ކޮށްފައެވެ. އަދި ޗައިނާގެ ސަރަހައްދުގައި މިއިން މީހެއްގެ މުދަލެއް ހުރިނަމަ އެ މުދަލެއް ހިފެހެއްޓުމަށްވެސް އަންގާފައެވެ.

ޗައިނާއިން އެމެރިކާ މަސްއޫލުވެރިންނާ ދެކޮޅަށް މިފިޔަވަޅު އަޅާފައި ވަނީ އުއިގޫރު މުސްލިމުންނާ ދެކޮޅަށް ޝިންޖިއާން ޕްރޮވިންސްގައި ޗައިނާއިން އަނިޔާވެރި އަމަލުތައް ހިންގަމުން ގެންދާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުންނެވެ.

އެމެރިކާއާއި ބައިނަލްއަގވާމީ އިދާރާތަކާއި މިނިވަން އެންޖީއޯއިން ލަފާ ކުރާ ގޮތުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސަރުކާރުން ޝިންޖިއާންގައި ދޮޅު މިލިއަނެއްހައި މުސްލިމުން ސިކުނޑި ދޮންނަ ކޭމްޕްތަކުގައި ބަންދުކޮށް އަނިޔާ ކުރަމުން ދެއެވެ.

މިކޭމްޕްތަކުގައި ބަންދުކޮށްފައިވާ މުސްލިމުން ލައްވައި ގަދަކަމުން މަސައްކަތް ކުރުވާކަމަށްވެސް ތުހުމަތު ކުރެވެއެވެ. ޝިންޖިއާންގައި އުފައްދާ އުފެއްދުންތަކަކީ އަނިޔާވެރި މާހައުލެއްގައި އަނިޔާގެ ތެރޭން އުފެދޭ މުދާކަމަށް ކަނޑައެޅުމަށްފަހު އެމެރިކާއިން ވަނީ ޝިންޖިއާންގެ އުފެއްދުންތައް އެތެރެ ކުރުން މަނާ ކޮށްފައެވެ. އޭގެ ތެރޭގައި ފޭރާމާއި ކަފައާއި ބެޓެރިއާއި ސޯލާ ސެލް އަދި ޓޮމާޓޯއާއ ޓޮމާޓޯގެ ބާވަތްތައް ހިމެނެއެވެ.

މި ކަމާ ގުޅިގެން ޗައިނާއިން ބާއްވާ ވިންޓާ އޮލިމްޕިކްސްގައި ރަސްމީ ސިފައެއްގައި ބައިވެރި ނުވާންވެސް ގައުމުތަކުން ވަނީ ނިންމާފައެވެ.

އުއިގުރު މުސްލިމުންނަށް އަނިޔާކުރާ ކުރާ ކަމަށް ތުހުމަތުކޮށް އެމެރިކާއިން ވަނީ 10 ޑިސެމްބަރުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ދެ މަސްއޫލުވެރިންނާ ދެކޮޅަށް ދަތކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އުއިގޫރު މުސްލިމުންނަކީ ސުންނީ ޝާފިއީ މަޒުހަބުގެ މުސްލިމުންނެވެ. ތުރުކީ ބަހުން ވާހަކަދައްކާ އަރަބި އަކުރުން ލިޔެ އުޅޭ މިނަސްލުގެ މީހުންނަކީ ޖަންގީޒް ޚާން ބަޣްދާދު ސުންނާފަތި ކޮށްލި ފަހުން އިސްލާމް ދީނަށް ވަން ގަބީލާއެއްގެ ބަޔެކެވެ.

ޗައިނާއިން އުއިގޫރު މުސްލިމުންނަށް ދެމުންދާ އަނިޔާތަކުގެ ތެރޭގައި ގުނަވަންތައް ވަގަށް ނެގުމާއި އަންހެނުން ރޭޕް ކުރުމާއި ދަރި ވެއްޓުމާއި، ދަރި ނުވިހާ ގިތް ހެދުމާއި، ދީނީ ޝިއާރު ފާޅުކުރާ މީހުން ބަންދުކޮށްގެން ގެންގުޅުމާއި ފިރިން ޖަލަށް ލުމަށްފަހު އަންހެނުންނާ އާއިލާތަކާއެކު ޗައިނާ ދަރިކޮޅުގެ ފިރިހެނުން އާއިލކާ ބެލެހެއްޓުމަށް ގޭގައި ބޭތިއްބުން ހިމެނެއެވެ.

އަދި މިސްކިތްތަކުގެ މުންނާރުތައް ތަޅައި ތިރިކުރުމާއި ގުއްބުތައް ތަޅާލައި އިސްލާމީ ސިފަ ކަނޑުވާލުމާއި ކޮމިއުނިސްޓް ޕާޓީގެ ސަޕޯޓް ޝިއާރުތައް މިސްކިތްތަކުގައި ބެހެއްޓުމާއި ގަބުރުސްތާނުތައް ބިނާ ހަމަ ކޮށްލުމުގެ އަމަލުތައް ހިންގާކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ޗައިނާއިން ބުނަނީ މިއީ ޗައިނާއަށް ހުތުރު އެރުވުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.