އާސަންދަ މޮބައިލް އެޕްލިކޭޝަނާއި ޔޫޓިއުބް ޗެނަލް ލޯންޗުކޮށްފި އެވެ.

އާސަންދަ ކުންފުނީގެ 10 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި މޮބައިލް އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމް އެވެ.

އެމީހަކު އާސަންދަ ސްކީމް މެދުވެރިކޮށް ހޯދާ ޚިދުމަތުގެ ތަފްސީލް، ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަންގައި ރެޖިސްޓްރީވުމުން، އެމީހަކު ހޯދާފައިވާ ޚިދުމަތްތަކުގެ ތަފްސީލް ބަލައިލެވޭނެ އެވެ. އަދި ބޭސް ސިޓީތަކުގެ ތަފްސީލްތަކާއި އެމީހަކު ހޯދާފައިވާ ޚިދުމަތްތަކަށް ޚަރަދުވާ މިންވަރު ވެސް ބަލައިލެވޭނެ އެވެ.

އާސަންދަ ކުންފުނިން ބުނީ "އާސަންދަ" ޕޯޓަލް ތައްޔާރުކޮށްފައިވަނީ ޚިދުމަތްތައް ވީހާވެސް ދެފުށްފެންނާނެހެން، ރައްޔިތުންނާ ގާތުން ދިނުމަށް ކަމަށާއި ޝައްކު ކުރެވޭފަދަ ޓްރާންސްސެކްޝަނެއް ހިނގާފައިވާނަމަ، އެކަމުގެ ޝަކުވާ އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެކަމަށެވެ.

މި އެޕްލިކޭޝަން، އެޕް ސްޓޯރުންނާ ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވޭނެ އެވެ.

މީގެއިތުރުން އާސަންދަ ކުންފުނިންވަނީ، އާސަންދައިން ޚިދުމަތެއް ހޯދުމުން ފޯނަށް ނޮޓިފިކޭޝަން އަންނަގޮތް ވެސް ހަދާފައެވެ. މި ޚިދުމަތުގައި، އާސަންދައިން ހޯދި ޚިދުމަތާ، ޚިދުމަތް ހޯދި ތަނާއި ޚަރަދުވި ފައިސާގެ ޢަދަދު މެސެޖުން ލިބޭނެ އެވެ. މެސެޖް ލިބޭނީ އާސަންދަ ޚިދުމަތުގައި ރެޖިސްޓްރީކޮށްފައިވާ ފޯން ނަންބަރަށެވެ.

އާސަންދައިން ދަނީ ޢާއްމުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތަކެއް ތައާރަފްކުރަމުންނެވެ. އެގޮތުން އާސަންދަ ކުންފުނީގެ ޔޫޓިއުބް ޗެނަލްވެސްވަނީ ލޯންޗްކޮށްފަ އެވެ.