މުޅި ރާއްޖެއިން އިތުރު 168 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެއެވެ. މިއަދަދާއެކު މުޅި ރާއްޖެއިން މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 94،732 އަށް އަރައިފައެވެ.

އެޗުޕީއޭއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެންމެފަހުން ރާއްޖެއިން ޕޮޒިޓިވްވި 168 މީހުންގެ ތެރެއިން 101 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 44 މީހެވެ. ރިސޯޓްތަކުން ޕޮޒިޓިވްވީ 19 މީހެކެވެ. ސަފާރީތަކުން ޕޮޒިޓިވްވީ 4 މީހެކެވެ.

މިއަދު މާލޭ ސަރަހައްދުން 1416 ސާމްޕަލް ޓެސްޓް ކޮށްފައިވެއެވެ. މުޅި ރާއްޖެއިން މިއަދު ޓެސްޓް ކޮށްފައިވަނީ 4419 ސާމްޕަލެވެ. ރާއްޖޭގެ އެކްޓިވް ކޭސްގެ މިވަގުތުގެ ޖުމްލައަކީ 2019 އެވެ. އޭގެ ތެރެއިން 10 މީހަކަށް އަންނަނީ އެޑްމިޓް ކޮށްގެން ފަރުވާދެމުންނެވެ. މިބަލީން މިހާތަނަށްވަނީ 92،439 މީހަކު ފަސޭހަވެފައެވެ. 261 މީހަކު ވަނީ ނިޔާވެފައެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި 88 މީހަކު ވަނީ މިބަލީން ފަސޭހަވެފައެވެ. ކުރިއަށްއޮތީ ޗުއްޓީ ދުވަސްވަރު ކަމުން ހަރަކާތްތައް ވީހާވެސް ބޮޑަށް މަދުކުރުމަށް އެޗުޕީއޭއިން ވަނީ އިލްތިމާސް ކުރައްވައިފައެވެ. މި ދުވަސްވަރަކީ ކޮވިޑުގެ އައު ވޭރިއަންޓެއް ވެސް ފެތުރެމުންދާ ދުވަސްވަރެކެވެ. ރާއްޖެއިން ވެސް އެ ވޭރިއަންޓް ވަނީ ފެނިފައެވެ.