2004 ސުނާމީ ކާރިސާ އަކީ ދިވެހިރާއްޖެއާއި މުޅި އޭޝިއާ ސަރަހައްދު ސިއްސުވާލި ހިތްދަތި އެއް ހާދިސާ އެވެ. މި ހާދިސާގައި ރާއްޖޭގެ ގިނަ ރަށްރަށަށް އެތައް ގެއްލުމެއް ލިބި އެތައްބައެއްގެ ފުރާނަ ދިޔައެވެ. އެތައް ރައްޔިތެއް ވީނުވީއެއް ނޭނގި ގެލުނެވެ. މިކާރިސާގައި އެންމެ ބޮޑު ގެއްލުންތައްލިބުނީ މެދުރާއްޖެތެރޭގެ ރަށްތަކަށެވެ. އެ ރަށްރަށުގެ ތެރެއިން މ. އަތޮޅު މުއްޔަކީ ބޮޑު ގެއްލުންތަކެއް ލިބި އެހެންނަމަވެސް ރައްޔިތުންގެ ހިތްވަރާއި އަޒުމުގެ ވަރުގަދަކަމުން އެންމެ އަވަހަށް އާންމު ދިރިއުޅުމަށް ބަދަލުކޮށްލި އެއް ރަށެވެ.
މުއްޔަށް ސުނާމީ އެރި މަންޒަރު ފެނުނު އެރަށުގެ އޭރުގެ ބޮޑުކަތީބު އަހުމަދު ރަޝީދު ބުނީ އޭނާއަށް އެދުވަހު ރާޅު އަންނަތަން ފެނުނީ އަތޮޅުގެއަށް ވަންނަނިކޮށް ކުއްޖަކުގޮވުމުން ބޭރަށް ނުކުތް ވަގުތު ކަމަށެވެ. "އެދުވަހު އަޅުގަނޑުމެން އުޅުނީ ރައްޔިތުންނަށް ގޮވައި ރަށުގެ މަސައްކަތެއް ކުރަން. އެކަމުގެ ތެރޭގައި އަތޮޅުގެއަށް ވަދެ އޮފީހާއި ދިމާއަށް ދަނިކޮށް ކުއްޖަކު ގޮވާފަ ބުނީ ބޮޑު ރާޅެއް އެބަ އަރައޭ އެހެންނަމަވެސް އެކަން ގަބޫލެއް ނުކުރަން. އެއީ ދިޔަވަރު ހިކިފައި އޮތުމުން. އެހެނަސް އެކުއްޖާ ރޮމުން ކަތީބާއޭ ރަށަށް އަރައިގެން މިއޮތް އަންނަނީ ބޮޑު ރާޅެކޭ ކިޔާ ހަޅޭ ލަވައިގަތުމުން ނުކުމެ ބަލާލިއިރު އިރުވައިފަރާތުން ރާޅު އަރައިގެން އަންނަނީ. އަތިރިމައްޗާ އެންމެ ކައިރިއަށް ހުރި ގެތައް ފަސްދެނީ. ރާޅުގެ އުސްމިން ހަފޫޓު ފާރުތަކަށްވުރެ އުސް. ދެން އަވަހަށް ދުއްވައިގަތީ އޮފީހާ ދިމާއަށް،" އަހުމަދު ރަޝީދު ކިޔައިދިނެވެ.
އަހުމަދު ރަޝީދު އޮފީހަށް ގޮސް އޮފީހުގައި ތިބި ކުދިންނަށް ގޮވާލައި އެކުދުން ބޭރަށް ނުކުތުމަށް ބުންޏެވެ. އެއީ ރާޅުގެ އުސްކަމުންނާއި ގޭގޭ ފާރުތަކާއި ފުރާޅުތައް ވެއްޓޭ މަންޒަރު ފެންނަމުންދާތީއެވެ. އޮފީސް ކުދިންނަށް ގޮވުމަށްފަހު އޭނާ ގެއާދިމާއަށް ހިނގައިގަތްތަނާ ރާޅު އައިސް އަރާހަމަކުރިއެވެ. އެހިސާބުން ރާޅާއެކު އޭނާ ވެއްޓި އެ އޮއިގަނޑާއެކު ގެންގޮސް ރަށުގެ ތޮށިގަނޑުން ބޭރަށް މޫދަށް ވެއްޓުނެވެ. ދެން ހިތްވަރާއެކު ތެދުވެ އަނެއްކާވެސް އެއްގަމަށް އަރައި ގެއާ ދިމާއަށް ހިނގަން ފެށީ އާއިލާ ކޮބައިތޯ ބެލުމަށެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ގަހެއްގައި ހިފަހައްޓައިގެން ފެންގަނޑުގައި ވެއްޓިފައި އޮތް އަންހެނަކު އޭނާ އަށް އެހީތެރިވުމަށް ގޮވިއެވެ. އޭރު އޭނާގެ އެއް އަތުގައި އޮތީ އަލަމާރިއެކެވެ. ދެން އެ އަލަމާރި ދޫކޮށްލެއްވުމަށް ބުންޏެވެ. އަލަމާރި ދޫކޮށްލައި އޭނައަށް ތެދުވެވުމުން އަނެއްކާވެސް ހިނގަންފެށިތަނާ މީހަކު ގޮވާ އަޑު އިވުނެވެ. އެއަޑު އަންނަނީ ހުޅަނގުފަރާތު ގޮނޑުދޮށުންނެވެ. ދެން އެދިމާއަށް ދިޔައިރު އޭރު ސްކޫލުގައި ކިޔަވައިދިން އިންޑިއާގެ ޓީޗަރެއް ކަމަށްވާ ޖޯސޮފް އޮތީ ވެއްޓިފައެވެ. ޖޯސޮފް ސާރ އޮތީ ފެނުއަޑީގައެވެ. އިރު އިރުކޮޅާ މައްޗަށް ބޯހިއްލާލަމުން މީހެއްގެ އެހީތެރިކަމަށް ގޮވަނީއެވެ. ދެން ޖޯސޮފް ނެގުމަށް އޭނާގައިގައި އަތްލިއިރު އޭނާގެ ފައި މަތީގައި އޮތީ ސްކޫލުގެ ފާރުން ނެއްޓިގެން އައި ބައެކެވެ. ނުވަތަ ބެރިއެކެވެ.
ޖޯސޮފްސަރ ގެ ހާލަތު ފެނުމުން އަހުމަދު އެންމެފުރަތަމަ އިސްކަންދިނީ އޭނާއަށް އެހީތެރިވުމަށެވެ. އެއީ ކޮންދީނެއްގެ މީހެއްތޯ ކޮން ގައުމެއްގެ މީހެއްތޯ ނުބަލައެވެ. އެއީ އިންސާނަކަށް ވީތީއެވެ. އާއިލާއަށްވުރެ އެހެން މީހުން އިސްކުރީއެވެ.
ޖޯސޮފް ސަރ ރައްކާތެރި ތަނަކަށް ގެންދެވުމަށް ފަހު އަނެއްކާވެސް އަހުމަދު ގެއާދިމާއަށް ހިނގަން ފެށިއެވެ. އޭރު ރަށުގެ މަގުތައް މުދެކޭ އެއްފަދައެވެ. ގޭގޭގެ ފުރާޅުތަކާއި ބޮޑެތި ކަޅު ހަންތައް އެއްފަރާތުން އަނެއްފަރާތަށް އޮޔާ ދާތީ ފެނެއެވެ. ގަސްތަކާއި ރުއްތައް މުލުން ލުހިގެން ދާތަން ފެނެއެވެ. ގޮނޑުގައިވާ ކުނިތަކާއި ބޮޑެތި ރުއްބުޑުތައް އޮޔާ ދަނީއެވެ. މީސްތަކުންގެ ރުއިމާއި ޒިކުރުގެ އަޑުތައް ކަންފަތުގައި ޖެހެމުންދެއެވެ. އަހުމަދު ގެއަށްދިޔައިރު ދޮށީ ފިރިހެން ދަރިފުޅާއި ގޭގައި އުޅޭ އާއިލާގެ އިތުރު ކުއްޖަކު ތިބީ ފުރާޅު މަތީގައެވެ. މުޅި ގޯތީގައި އޮތީ ފެންބޮޑުވެފައެވެ. ދެން އެ ދެބެންނަށް ގޮވާ އަތް ދިއްކޮށް ފުންމާލުމަށް އެދުނެވެ. ފަހަރަކު ކުއްޖަކު ފުންމާލުމުން އެކުދިން އުރާލިއެވެ. އެއަށްފަހު އަންހެނުން ކޮބައިތޯ ބެލިއެވެ. އޭރު ގޭގެ ދޮރު ހުރީ ލެއްޕި ނުހުޅުވޭގޮތަށް ތާށިވެފައެވެ. އަންހެނުންނާއި ގޭގައި އޭރު ތިބި އެހެން ރަށެއްގެ އަންހެނަކާއި އޭނާގެ ދަރިފުޅު ގޭގެ ފެންލައިޓުގެ ޖާލައިގައި އެލިގަނެގެން ތިއްބެވެ. އެއްގޮތަކަށްވެސް ގޭގެ ދޮރެއް ނުހުޅުވުނެވެ. ދެން އަނެއް ފަރާތުން ވަދެ އާއިލާ ރައްކާތެރިކަމާއެކު ސްޓޭޖް ސަރަހައްދަށް ގެންދިޔައެވެ.
އަހުމަދު ރަޝީދު ބުނީ އެދުވަހު މުލީގެ ހުރިހާ ރައްޔިތުން ދެއްކީ އެއްބަނޑު އެއްބަފާކަމެވެ. އެއްބައިވަންތަކެވެ. ބަލިމީހުނާއި ކުޑަކުދިން މުލަކުގައި ބޭތިއްބުމަށްފަހު އަނެއްދުވަހު މުލީގެ ރައްޔަތުން ގެތައްސާފުކޮށް ދިރިއުޅުން އަލުން ފެށުމަށް މަސައްކަތް ފެށިއެވެ. ކަރަންޓު ނެތި ފެން ނުލިބި އެ ހާލަތުގައި ގިނަ ރައްޔިތުން އެއްތަނެއްގައި ކައްކައި ކައި ހަދަމުން މަސައްކަތް ކުރަން ފެއްޓިއެވެ. ހިތްވަރާއި އަޒުމާއެކު އެއްބައިވަންތަކަމުގައި ކުރި ބުރަމަސައްކަތުން މާ ގިނަދުވަސްތަކެއް ނުވެ މުލީގެ ރައްޔިތުންނަށް އާންމު ދިރިއުޅުމަށް އާދެވުނެވެ.