ސްޓެލްކޯ ބޯޑުގެ ޗެއާމަން މުހައްމަދު ރަޝީދު މިއަދު އަވަހާރަ ވެއްޖެއެވެ. ރަޝީދު އަވަހާރަވީ ހާޓުއެޓޭކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ މެންދުރު ވަގުތެއްގައެވެ.
މުހައްމަދު ރަޝީދު ވަނީ އެކި މަގާމުތަކުގައި 50 އަހަރަށްވުރެ ގިނަދުވަހު އެކުންފުންޏަށް ޚިދުމަތް ކުރައްވައިފައެވެ.
"މި ހިތާމަވެރި ވަގުތުގައި މިކުންފުނީގެ ބޯޑް މެމްބަރުންނާއި، އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. މާތް ﷲ މަރުޙޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި،" ޗެއާމަން އަވަހާރަވިކަން ހާމަކޮށް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.
މުޙައްމަދު ރަޝީދު ފުރަތަމަ އެކުންފުންޏާ ގުޅިވަޑައިގެންނެވީ 1971 ވަނަ އަހަރު އެޕްރެންޓިސްޝިޕްގައެވެ. އޭގެ ފަހުން އިންޖީނިއަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރ މެނޭޖީރިއަލްގެ އިތުރުން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި، ކުންފުނީގެ ސީއީއޯ ގެ މަގާމުވެސް ފުރުއްވާފައިވެއެވެ. ސްޓެލްކޯގެ ޗެއރމަން ކަމުގެ މަގާމަށް މުޙައްމަދު ރަޝީދު އައްޔަން ކުރައްވާފައިވަނީ 12 ފެބްރުއަރީ 2019 ގައެވެ.