އުމަރު ޒާހިރަކީ ރާއްޖޭގެ މިޒަމާނުގެ ޢުމްރާނީ ތަރައްޤީގެ އެއް ތަނބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށާއި ދިވެހި ރައްޔިތުންނަށް ޢުމަރު ޒާހިރު އެ ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމުގައި ވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ ކިތަންމެ ކުރިބޯއްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަ މަތިން ފެންނަން އެބަހުރިކަމަށާއި، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަނެ ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި އެމަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުން ޢިބްރަތް ލިބިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ގޮވައިލައްވައިފިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ދައުލަތުގެ ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.