ސްރީލަންކާގެ ބޭރުގެ ދަރަނި ދެއްކުން އަލުން އައު ގޮތަކަށް ތަރުތީބު ކުރުމަށް ސްރީލަންކާ ގައި ހުންނަ ޕާތުފައިންޑަރ ފައުންޑޭޝަނުން ގޮވާލައިފިއެވެ.

ގިނައިން ޗައިނާއިން ދަރަނި ނަގައިފައިވާ ސްރީލަންކާއަށް ވަނީ ބޭރިގެ ދަރަނި ދެއްކުމުގައި ދަތިތަކާ ދިމާވެ، ރިޒާވަށް ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ޗައިނާއިން ވަނީ ދަރަންޏަށް ލުޔެއް ދިނުމަށް ގޮވާލާ ވާހަކަތަކަށް ބީރު ކަންފަތެއް ދީފައެވެ.

ޕާތުފައިންޑަރ ފައުންޑޭޝަނުން ބުނާ ގޮތުން ކުރިއަށް އޮތް އަހަރުތަކުގައި ސްރީލަންކާއަށް އިތުރު ބޭރުގެ އިންވެސްޓްމެންޓްތަކެއް ލިބުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ކޮންމެ އަހަރަކަށް ފަސް ބިލިއަން ޑޮލަރު ދަރަނި ދެއްކުމަށް ސްރީލަންކާއިން އިންތިޒާމު ކުރަން ޖެހެއެވެ.

ސްރީލަންކާއަށް މުދާ އެތެރެ ކުރުމަށް ބޭރު ފައިސާ ނުލިބިގެން އެމައްސަލާގައި ސިލޯން ޗެމްބަރ އޮފް ކޮމާސްއާއި ވިޔަފާރީގެ އެހެނިހެން ދާއިރާތައް ހިމެނޭ ވިޔަފާރި ޖަމުއިއްޔާތަކުން ވަނީ ބަޔާނެއް ނެރެފައެވެ.

ކޮޅުނބުން އީރާނަށް ދައްކަން ޖެހޭ ދަރަނީގެ ބަދަލުގައި މިހާރު އެގައުމުން ނިންމާފައި ވަނީ ފައިސާ ދެއްކުމުގެ ބަދަލުގައި ސައިފަތް އީރާނަށް އެކްސްޕޯޓް ކުރާ ގޮތަށެވެ.