2022 ޖެނުއަރީ މަހުން ފެށިގެން ހިޔާ ފްލެޓުތަކުގެ ކުލި ނެގުން ބަދަލުކޮށް، ކުލި ދައްކަން ފަށަން އިތުރު ތިން މަސް ދުވަސް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލު ކުރާ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތައް ހައްލު ކުރުމަށާއި، ފްލެޓުތަކުގެ ފިނިޝިންއަށް ވަގުތު ދިނުމުގެ ގޮތުން އިތުރު ތިން މަސް ދުވަސް ދިނުމަށް ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ އަޑުއަހައި ވީހާވެސް ގާތުން މަސައްކަތް ކުރުމަށް ކަމަށެވެ.

ހުޅުމާލޭގެ ފޭސް ދޭއްއަށް ބަދަލުވާ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެކަންތައް، ގާތުން ބަލަމުން އަންނަކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ އާއިލާތަކުގެ ދަތި ހާލު އެނގިވަޑައިގަންނަވާކަމަށާއި، އެކަންކަން ހައްލު ކުރައްވާނެ ކަމަށެވެ. އެހެންވެ ސަރުކާރުން ފްލެޓްތައް ނިންމުމަށް، ކުލި ނުނަގައި އިތުރު ތިން މަސް ދުވަސް ފްލެޓްތަކުގެ ވެރިންނަށް ދޭން ނިންމާފައިވާކަން އެމަނިކުފާނު މިރޭ އިއުލާނު ކުރެއްވި އެވެ.

"ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން އެދޭ ގޮތަށް ކަންކަން ފުރިހަމަ ކޮށްދޭން... މިވަގުތަށް ބަލާއިރު، ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލު ކުރާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުރި އަދި ޝަކުވާތަކެއްވެސް އެބަހުރި. ސަރުކާރުން މަސައްކަތް މި ކުރަނީ، ހިޔާ ފްލެޓްތަކަށް ބަދަލުވާ މީހުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދޭން..... މިކަމަށް އިތުރަށް ލުޔެއް ދިނުމަށްޓަކައި ސަރުކާރުން މިހާރު ނިންމާފައިވާނީ ފްލެޓްތައް ނިންމުމަށްޓަކައި ކުލި ނުނަގާ އިތުރު ތިން މަސް ދުވަސް ފްލެޓްތަކުގެ ވެރިންނަށް ދިނުމަށް " ރައީސް

ރައީސް ވިދާޅުވީ އުންމީދަކީ އަންނަ އަހަރުގެ މާޗު މަސް ފެށޭއިރު، ފެލެޓުގެ ހުރިހާ މަސައްކަތެއް ފަސޭހަކަމާއި ދިރިއުޅެވޭނެ މަގެއް ފަހިވުން ކަމަށެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ދީފައިވާ ގްރޭސް ޕީރިއަޑް ހަމަވާނީ މި މަހަށެވެ. ނަމަވެސް ފްލެޓު ލިބުނު އާއިލާތަކުގެ ތެރެެއިން ބޮޑު އިންސައްތައަކަށް އަދިވެސް ފްލެޓަށް ބަދަލު ވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާ ނުލެވެ އެވެ. އަދި ބައެއް އާއިލާތަކުން ފްލެޓަށް ބަދަލުވީ ހުރިހާ މަސައްކަތެއް ނުނިމެނީހެވެ.

ފްލެޓުތައް ނިންމުމަށް ބޮޑެތި އަދަދުތަކުން ލޯނުތަކެއް ނަފާފައިވާތީ އާއި، ދިމާވާ ދަތިތައް ހައްލުކޮށްދޭން ގޮވާލައި މިދިޔަ ހުކުރު ދުވަހު އާއްމުންގެ ޖަމިއްޔާ އަދި ހިޔާ ޔޫނިއަން އާއި ފްލެޓުތަކުގެ ވެރިން ގުޅިގެން ހާއްސަ ހަރަކާތެއް ވެސް ކުރިޔަށް ގެންދިޔަ އެވެ. އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފިނިޝިންގެ މަސައްކަތް ނުނިންމައި ހަވާލުކޮށްފައިވާ ފްލެޓުތަކުގެ ކުލި ބޮޑުވުމެވެ.

ހިޔާ ފްލެޓުގެ މަހު ކުއްޔަށް 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،000ރ. އެވެ. އެހެންކަމުން، މިހާރު ސަރުކާރުން ކަނޑައަޅާފައިވާ ގޮތުން، ހިޔާ ފްލެޓަކަށް މަހަކު 8،500 ރުފިޔާ ދައްކަން ޖެހެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުޅުމާލޭގައި ތަރައްގީ ކުރެއްވި ފްލެޓުތަކުގެ ކުއްޔެއް ގޮތުގައި ކަނޑައެޅުއްވީ 5،600 ރުފިޔާކަމަށް އޭރުގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.