ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން އެޗްޑީސީން ނިންމިނިންމުމަކީ ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން މިހެން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން ނިންމުމާ ގުޅިހެން މިކަމާމެދު ކަންބޮޑުވުން ފާޅުކޮށް ކައުންސިލްއިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.
އެޗްޑީސީން ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިން 1603.07 އަކަ ފޫޓާއި 2633.93 އަކަފޫޓާ ދެމެދުގެ 60 ގޯތި ބީލަމުގެ އުސޫލުން ވިއްކާށެވެ. އެކަމަށްޓަކައި ބީލަން ފޯމް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްއިން ބުނީ އެ ނިންމުން ނިންމީ މާލޭ ސިޓީ ކައުންސިލްގެ އެއްވެސް ބަހެއް ނެތި ކަމަށާއި ގޯތިގެދޮރުގެ މުހިންމުކަން ބޭނުންވެފައިވާ މާލޭގެ ގިނަ ރައްޔިތުން ތިއްބައި، އެފަދަ މީހުންނަށް ގޯތިގެދޮރު ލިބޭނެ ފުރުސަތު ނުދީ، މިއީ ހަމައެކަނި މުއްސަނދިންނަށް ހުޅުވާލި ފުރުސަތެއް ކަަމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ ނަޒަރުގައި އެޗްޑީސީގެ ނިންމުމަކީ އެ ކުންފުނީގެ އާމްދަނީ އިތުރު ކުރުމަށް ނިންމި ނިންމުމެކެވެ. އަދި އެއީ ލާމަރުކަޒީ ގާނޫނާ ވެސް ހިލާފު ނިންމުމެކެވެ.
"ހުޅުމާލެ ދެވަނަފިޔަވަހިން ބީލަމުގެ އުސޫލުން ދިރިއުޅުމަށް ގޯތި ވިއްކުމަށް 1603.07(އެއްހާސް ހަސަތޭކަ ތިނެއް ޕޮއިންޓް ހަތެއް) އަކަފޫޓާއި 2,633.93 (ދެހާސް ހަސަތޭކަ ތިރީސްތިނެއް ޕޮއިންޓް ނުވައެއް ތިނެއް) އަކަފޫޓާއި ދެމެދުގެ، ޖުމްލަ 60 (ފަސްދޮޅަސް) ބިން ބީލަމުގެ އުސޫލުން ވިއްކުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން ހުޅުވާލި ހުޅުވާލުމަކީ މާލެ ސިޓީކައުންސިލުން ކަންބޮޑުވާ ކަމެއްކަމުގައި ދަންނަވަމެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތިވިއްކަން ނިންމީ ގޯތިގެދޮރުގެ މުހިންމުކަން ބޭނުންވެފައިވާ ވަރަށްގިނަ އާންމު ރައްޔިތުން ތިއްބައި، އެފަދަ މީހުންނަށް ގޯތިގެދޮރު ލިބޭނެ ފުރުޞަތުނުދީ ކަމަށެވެ. ގޯތިދޫކުރުމައި ސިޓީ ކައުންސިލް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލުވެސް ހޯދާފައިނުވާއިރު، އެޗްޑީސީއިންވެސް އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުންވެސް ސިޓީ ކައުންސިލާ އެކު އެފަދަ އެއްވެސް މަޝްވަރާއެއްވެސް ކުރިއަށް ގެންގޮސްފައިނުވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
"މާލެ ސިޓީ ކައުންސިލްގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމުގެ ބަދަލުގައި 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ޢާމްދަނީ އިތުރުކުރުމަށްޓަކައި ހުޅުމާލެދެވަނަ ފިޔަވަހިން ގޯތި ވިއްކުން އެޗްޑީސީން ނިންމިނިންމުމަކީ ލާމަރުކަޒީ ޤާނޫނާއި ޚިލާފްކަމެއް ކަމުގައި ދެންނެވީމެވެ." ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނެގައިވަނީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީކައުންސިލުން ނިންމި ނިންމުމަށް ޢަމަލުކުރުން މަޑު ޖައްސާލުމަށް ސިވިލް ކޯޓުން އެ ކައުންސިލަށް އަންގާފައިވާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައިވާ ކަމަށެވެ.