ފަހަކަށް އައިސް ރާއްޖޭގެ މުޖުތަމައުގައި އާއިލީ ގުޅުންތައް ކެނޑެމުންދާތަން ފެނެއެވެ. ތަފާތު ސަބަބުތަކާހުރެ އާއިލާގެ މެންބަރުން އެއްބަޔަކު އަނެއްބަޔަކާ ގުޅުން ކަނޑާލަމުންދަނީ ހިތާމަކުރަންޖެހޭފަދަ މިންވަރަކަށެވެ. މުދަލުގެ މައްސަލަތަކުގައެވެ. ގޯތިގެދޮރުގެ މައްސަލަތަކުގައެވެ. ސިޔާސީ ފިކުރުތަކުގެ ސަބަބުންނެވެ. އަދި މީނޫންވެސް ތަފާތު ސަބަބުތަކާހުރެ މައިންބަފައިންނާއި ދަރިން، ނުވަތަ އެއްބަނޑުއެއްބަފާކުދިން ދުރުވެ އެކަކު އަނެކަކާ ވާހަކަ ނުދައްކާ އެތައް ޒަމާނެއްވަންދެން އެބަ ތިބެއެވެ.

މިއީ ރާއްޖޭގައި އާންމު އިޖުތިމާއީ މައްސަލައަކަށް ވެފައިވީނަމަވެސް އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ. ތިމާގެ އަޚާއާއި ތިންދުވަހަށްވުރެ ގިނަދުވަހު ވާހަކަ ނުދައްކާ ނުތިބުމަށް އިސްލާމް ދީނުގައި އިރުޝާދު ދެއްވާފައި ވެއެވެ.

ތިމާ ކުރާ ޞަދަގާތުގެ ތެރެއިންވެސް އެންމެ ހެޔޮކަން ބޮޑު ޞަދަގާތަކީ އާއިލާގެ މީހުނަށް ކުރެވޭ ޞަދަގާތެވެ. މިގޮތުން އާއިލާގައި އެންމެ ދަތިކޮށް އުޅޭ މީހަކަށް އެއްޗެއް ދިނުމަކީ އެންމެ ރަނގަޅު ގޮތެވެ. އަޅުގަނޑުގެ ރައްޓެއްސަކު ބުންޏެވެ. ތިމަންނަ މިހާރު ޞަދަގާތް ކުރުމުގައި އެންމެ ބޮޑަށް ބަލަނީ އާއިލާގައި އެންމެބޮޑަށް އެއްޗެއް ބޭނުންޖެހިފައިވާ މީހަކަށް އެއްޗެއް ދިނުމަށެވެ. އެގޮތަށް ކަންތައް ކުރަންފެށުމުން ތިމަންނައަށް ހިތްހަމަޖެހުން ލިބެއެވެ. އަދި ކުރިއަށްވުރެ އަތްމަތި ތަނަވަސް ވެއްޖެއެވެ. އެހެންކަމުން އާއިލާގެ މެންބަރުން އެކަކު އަނެކަކަށް އިހުސާން ތެރިވުމަކީ ދުނިޔޭގައިވެސް އެތައް ފައިދާތަކެއް ލިބޭ ކަމެކެވެ.

އެނގިގެން ނުވަތަ ނޭނގި ނަމަވެސް އާއިލާގެ މެންބަރެއްގެ ސަބަބުން ތިމާ ހިތްނުރުހޭ ކަމެއްދިމާވެއްޖެނަމަ، އެންމެ ރަނގަޅުގޮތަކީ އެ މީހަކާއި ވާހަކަދައްކާ އަމިއްލަ އަށް އެ މައްސަލަ ހައްލުކުރުމެވެ. އެ މައްސަލައިގެ ތެރޭގައި އެހެންމީހުން ނުހިމަނާ ސީދާ މައްސަލަ ދިމާވި ފަރާތާއި ވާހަކަދެއްކުމެވެ.

އާއިލީ ގުޅުމަކީ ވަރަށް މާތް މަތިވެރި ގުޅުމެކެވެ. މި ގުޅުން ދެމެހައްޓޭނީ އެކަމަށްޓަކައި މަސައްކަތް ކޮށްގެނެވެ. ކެތްތެރިވެގެނެވެ. ވިސްނުންތެރިކަމާއިއެކު ބުއްދީގެ ބޭނުން ހިފައިގެންނެވެ.

އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދުން ޞައްލަﷲ ވަސަލްގެ ހަދީސްފުޅެއްގެ މާނައިގައި ވެއެވެ. " ރަހިމިގެ ގުޅުން ކަނޑައިފި މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ." ވީމާ، މުދަލާއި ފައިސާ އާއި ގެދޮރުގެ މައްސަލަތަކުގައި އާއިލީ ގުޅުން ކެނޑުން ހެޔޮވެދާނެ ހެއްޔެވެ؟ ސުވަރުގެއިން ލިބޭ ގަނޑުވަރަށްވުރެ ދުނިޔެއިން ލިބޭ ބިންކޮޅު މާ ފައިދާ ބޮޑީހެއްޔެވެ؟

މި ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. ދާއިމީ ގޮވައްޗަކީ އާޚިރަތެވެ. ވީއިރު މި ލިބިފައިވާ މަދު ދުވަސްކޮޅުގައި އާއިލާއާއި ގުޅުން ކަނޑައި އެމީހުންނާއި އަނގައިން ނުބުނެ އުޅުމުން ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ތިމާއަށް ލިބޭނީ ގެއްލުމާއި ހަލާކެވެ.