ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލ އަދަދު 50 މިލިއަނަށްވުރެ މައްޗަށް ހިނގައްޖެއެވެ.

ބަލި ޖެހުނު މީހުންގެ އަދަދު 50 މިލިއަނަށް އަރައިގެންދިޔައިރު ދުނިޔެ މިހާރު ތަޖުރިބާ ކުރަމުންދަނީ ކޮވިޑްބަލީގެ ދެވަނަ ރާޅެވެ.

މިދިޔަ އޮކްޓޫބަރުމަސް މިހާރު ވެފައިވަނީ، އެންމެ ގިނަ އަދަދަކަށް މީހުންނަށް ބަލިޖެހުނު މަހަށެވެ.

ބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ އެމެރިކާއިން ދުވާލެއްގެ މައްޗަށް އެއްލައްކަ މީހުން ކޮވިޑަށް ޕޮޒިޓިވް ވަމުންދާއިރު، ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް ބަލިޖެހޭ މީހުންގެ އަދަދުވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.

ވޭތުވެދިޔަ 7 ދުވަހު، މުޅު ދުނިޔެއިން ދުވާލެއްގެ މައްޗަށް 540،000 އަށްވުރެ ގިނަމީހުން ކޮވިޑަށް ޕޮޒިޓިވްވަމުން ގޮސްފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.

ކޮވިޑް-19 ބަލީގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 1.25 މިލިއަން މީހުން މަރުވެފައި ވެއެވެ.

ކޮވިޑްބަލީގެ ހާލަތަށް ބަލާއިރު އެންމެ ގިނަމީހުންނަށް ބަލިޖެހިފައިވާ ސަރަހައްދަކީ ޔޫރަޕެވެ. ޔޫރަޕުން އެކަނިވެސް 12 މިލިއަން މީހުންނަށް ބަލިޖެހިފައި ވެއެވެ.

ޔޫރަޕުން މިހާދަނީ ކޮންމެ 3 ދުވަހަކުން އެއްމިލިއަން މީހުންނަށް ބަލިޖެހެމުންނެވެ.

މުޅި ދުނިޔެއިން ބަލީގައި މަރުވި މީހުންގެ ނިސްބަތަށް ބަލާއިރު، ޔޫރަޕުން ހިއްސާކުރަނީ %24 އެވެ.

ބަލީގެ ހާލަތު ގޯސްވެ، ޔޫރަޕްގެ ގައުމުތައް ކަމަށްވާ ޖަރުމަނު، ފްރާންސް އަދި އިނގިރޭސިވިލާތުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން އަނބުރާ ގެއަށް ވައްދައި، ލޮކްޑައުންކޮށްފައެވެ. ޔޫރަޕްގެ އެހެން ގައުމުތަކުންވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުން އެބަގެންދެއެވެ.

އެމެރިކާގައި ބަލީގެ ހާލަތު ކުއްލިއަކަށް މައްޗަށް ދިޔައީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ބޭއްވި ހަރަކާތްތަކުގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އޭޝިޔާއަށް ބަލާއިރު ކޮވިޑްބަލީގެ ހާލަތު އެންމެ ގޯސްވެފައިވަނި އިންޑިއާގައެވެ. އެހެން ނަމަވެސް، ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށްދާން ފަށާފައިވެއެވެ.