އީރާނަށް އެއްވެސް ހަމަލައެއް ދޭން ވިސްނުމުގެ ކުރިން އީރާނުން ބާއްވާފައިވާ އައްރަސޫލުލްއައުޒަމް އަސްކަރީ ތަމްރީނުތަކުގެ ވީޑިއޯ ބެލުމަށް އީރާނުން އިޒްރޭލަށް އަންގައިފިއެވެ. އައްރަސޫލުމްއައުޒަމްގެ އަސްކަރީ ތަމްރީންތައް ހުކުރު ދުވަހުން ފެށިގެން ހޯމަދުވަހާ ހަމައަށް އީރާނުން ވަނީ ބާއްވާފައެވެ.
އީރާނު ސިފައިން ބުނިގޮތުގައި މި އަސްކަރީ ތަމްރީންތަކަކީ އިޒްރޭލަށް މެސެޖެއް ދިނުމަށް ބާއްވާފައިވާ ތަމްރީނުތަކެކެވެ. މިތަމްރީނުތަކުގައި އަމާޒުފަތްގަނޑަކަށް ބަލާފައި ވަނީ އިޒްރޭލުގެ ޑައިމޯނާ ނިއުކްލިއަރ މައުކަޒެވެ. އިޒްރޭލުން އީރާނަށް ހަމަލަދޭން ފަށާއިރަށް، މި މަރުކަޒަށް އީރާނުން ބެލެސްޓިކް މިސައިލުންނާއި އަމިއްލައަށް ވެއްޓިގެން ގޮއްވާލާ ޒާތުގެ ޑްރޯންއިން ހަމަލަތައް ދޭން ފަށާނެއެވެ.
އީރާނުން އިންޒާރު ކުރިގޮތުގައި އީރާނަށް ދޭ ކިތަންމެ ކުޑަ ހަމަލައެއްވެސް ވެގެންދާނީ މުޅި ސަރަހައްދަށް އޭގެން ބޮޑުވެގެންވާ ނުބައި ނަތީޖާއެއް ނުކުންނާނެ ވަރުގެ ހަމަލާތަކެއް ބަދަލު ކުރެވޭ ކަމަކަށެވެ.
އީރާނުގެ އިންޒާރާއެކު އިޒްރޭލުން ބުނެގައި ވަނީ އީރާނަށް މިސައިލުގެ ތޫފާނެއް ކުރިމަތި ކުރުމުގެ ގާބިލުކަން އިޒްރޭލްގައި ހުރި ކަމަށެވެ.
އަސްކަރީ މުހައްލިލުން ބުނާ ގޮތުން މުޅި މެދު އިރުމަތީގައިވެސް އީރާން އަތުގައި މިސައިލް ހުރި އަދަދަށް މިސައިލް ހުރި އެހެން ގައުމެއް ނެތެވެ.