އިސްލާމްއާބާދު ހައިކޯޓުން ޕާކިސްތާނުގެ ކްރިމިނަލް ޖަސްޓިސް ސިސްޓަމް ކުށްވެރިކޮށްފިއެވެ. ޑޯން ނޫހުގައި މިއަދުގެ އެޑިޓޯރިއަލްގައި ބުނެފައި ވަނީ ޕާކިސްތާންގެ ޖަލުތަކަކީ ކޮރަޕްޓް ވެފައިވާ ތަންތަންކަމަށާއި އަދި އެތަންތާނގައި ހިނގަނީ ކޮރަޕްޓް ޕްރެކްޓިސްތަކެއް ކަމަށެވެ. ހައިކޯޓުން ޕާކިސްތާންގެ ޖަލުގެ ނިޒާމު ކުށްވެރިކޮށްފައި ވަނީ ޖަލުގައި ކުށްވެރިއަކާ މެދު މުއާމަލާތު ކުރި ގޮތާ ބެހޭ ގޮތުން އިސްލާމްއާބާދު ހައިކޯޓަށް ހުށަހެޅުނު ދައުވާއެއް އަޑުއެހުމުގައެވެ.
ޕާކިސްތާނުގެ ޖަލުތަކުގައި ބޮޑު މީހާއަށް މޮޅު ގޮތް އޮންނަކަންވެސް ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ. އަދި ޖަލުގެ އިސްފަރާތްތަކުން ގައިދީން، އެމީހުންގެ އަސާސީ ހައްގުން މަހުރޫމް ކުރާ ކަމަށްވެސް ބުނެފައި ވެއެވެ.
ގައިދީން ބުނާ ގޮތުން ބިމަށް އަތް ގަދަކޮށްގެން އުޅޭ ބިން ފޭރޭ މާފިޔާއިންނަކީ ޕާކިސްތާންގެ ޖަލުތަކުގައި މާބާރުގަދަ ބައެކެވެ.
ޑޯންގެ އެޑިޓޯރިއަލްގައި ޖަލުތަކުގެ ކޮރަޕްޓްކަން ފާހަގަ ކުރަމުން ބުނެފައި ވަނީ ޖަލަށް ލާފައިވާ ޓެރަރިސްޓް އުމަރު ސައީދު ޝެއިޚް އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހަމަނުޖެހުން އުފެއްދުމަށްޓަކަށް އިންޑިއާގެ ލީޑަރުންނަށް ޖަލުގައި ހުރެގެން ފޯނުން ގުޅައި އިންޒާރު ދިން ކަމަކީވެސް މީގެ ހެއްކެއް ކަމަށެވެ.
ޕާކިސްތާން ސަރުކާރުން ޖަލުގެ މަސްއޫލުވެރިންގެ ޒިންމާ އަދާކުރުވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި ޖަލުގެ މަސްއޫލުވެރިން ފުރިހަމަ ކުރަން ޖެހޭ ގައުމީ އަދި ބައިނަލްއަގްވާމީ ޒިންމާތަކެއްވެސް ހުރިކަން ޑޯން ނޫހުން ފާހަގަ ކުރިއެވެ.