އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ރަށުން ބޭރުގައި ބްރެންޓްފޯޑް 0-1 އިން ބަލިކޮށް ތާވަލުގެ ކުރީގައި އަށް ޕޮއިންޓުގެ ލިޑެއް މެންޗެސްޓަރ ސިޓީއިން ނަގައިފިއެވެ.

ބްރެންޓްފޯޑުގެ ދަނޑުގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ސޯޅަ ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިންގްލެންޑުގެ ހުނަރުވެރި މިޑްފީލްޑަރު ފިލް ފޯޑެންއެވެ. މެން.ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ މިމެޗަށް ފުރަތަމަ އެގާރަ ނެރުނީ އެންމެފަހުން ލީގުގައި ކުޅުނު މެޗަށް ނެގި ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. މީގެ އިތުރުން މުޅި މެޗުގައިވެސް ގާޑިއޯލާ އެއްވެސް ކުޅުންތެރިޔަކު ބަދަލު ކޮށްފައި ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

މިމޮޅާއެކު ތާވަލުގެ ކުރީގައި މެން.ސިޓީ އޮތީ 50 ޕޮއިންޓާއެކުއެވެ. މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ދެސީޒަނެއްގައި ޖެހިޖެހިގެން 10 މެޗް މެން.ސިޓީއިން ކާމިޔާބު ކުރި ދެވަނަ ފަހަރެވެ. ޕްރިމިއަރ ލީގުގެ ތާރިހުގައި ގާޑިއޯލާ ފިޔަވައި އެހެން އެއްވެސް ކޯޗަކަށް ދެސީޒަނެއްގައި ޖެހިޖެހިގެން 10 މެޗް މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ލީގުގެ ދެވަނައިގައި އޮތް ޗެލްސީ ރޭ ބްރައިޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫގެ ލަނޑުން 28 ވަނަ މިނެޓުގައި ޗެލްސީން ލީޑް ނެގިއެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް، ލީގް ތައްޓަށް ވާދަ ކުރުމަށް ޗެލްސީން ކުރަމުންދިޔަ އުއްމީދުތަކަށް ބްރައިޓަންއިން ހުރަސް އެޅީ މެޗުގެ އިތުރު ވަގުތުގައި މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލްގެ ކުރީގެ ފޯވާޑް ޑެނީ ވެލްބެކެވެ.