އެއްފަަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރެކުރުން އަންނަ އަހަރު މަނާ 10 ބާވަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.
ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރާއްޖެ އެތެރެކުރުން މަނާވާ ތަކެތި، ޖެނުއަރީ 1، 2022 ގެ ކުރިން ރައީސް ކަނޑައަޅުއްވައި އިއުލާނުކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެއީ:
1- އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކު ހޮޅި
2- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
3- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
5- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
6- 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
7- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
8- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން
9- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
10- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)
މީގެއިތުރުން ޕްލާސްޓިކު ކޮތަޅާއި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ފުޅި ފަދަ ތަކެތި އަންނަ 2023 ވަނަ އަހަރުން ފެށިގެން މަނާވާނެ އެވެ.